ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ކާސްޓުން އިއުލާންކޮށްފި އެވެ.

ކާސްޓުން އިއުލާން ކުރުމަށް ރޭ ރާނބާ ރެސްޓޯރަންޓްގައި ބޭއްވި ހަފްލާގައި ގިނަ އަދަދެއްގެ ތަރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ހަފްލާގެ ޝަރަފްވެރި މެހެމާން ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ވަނީ ފިލްމުގެ ކާސްޓުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދީފަ އެވެ.

ހަފްލާގައި ވާހަކަ ދައްކަމުން ނިއުމާ ބުނީ މި މަސައްކަތް ކުރަން ބޭނުންވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

"އަސްލު ވަރަށް ދުވަސްވެއްޖެ މޫމިން ފުއާދު އާ އެކީ މަސައްކަތްކޮށްލަން ބޭނުންވެގެން އުޅޭތާ ވެސް. އޭނާ ކިޔައިދިން ފަސް ވަރަކަށް ކޮންސެޕްޓް ވެސް. ދެން މި ކޮންސެޕްޓް ފެނުނީމަ ހިތަށް އެރީ ވަދާއީ ފިލްމަކާ ބަލާފައި މި ކޮންސެޕްޓް އަށް ވުރެ ރަނގަޅު ކޮންސެޕްޓް އެއް ނުފެންނާނޭ،" ނިއުމާ ބުންޏެވެ.

ނިއުމާ ބުނީ ފަހު ފިލްމު އިއުލާންކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި ފިލްމުގެ މަސައްކަތް ލަސް ވެގެން ދިޔައީ ފަހު ފިލްމަށް ވުމުން ކަމަށެވެ.

"ފަހު ފިލްމަށް ވުމުން ބޭނުން ވަނީ ހުރިހާ ކަމެއް ވެސް ވަރަށް ޕާފެކްޓްކޮށް ކުރަން. ބެލުންތެރިން ބަލައިގަންނަ ގަޔާވާ އަދި ހިތްހަމަ ޖެހޭ ގޮތަކަށް ތައްޔާރު ކުރަން،" އޭނާ ބުންޏެވެ.

ނިވައިރޯޅިގެ ކާސްޓުން ތެރޭގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީ އެވެ.

ނިއުމާ ސަން އަށް ބުނީ ފިލްމުގެ ޝޫޓިން މި މަހު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނިވައިރޯޅި އަކީ މޫމިން ފުއާދުގެ ޑައިރެކްޝަނަކަށް އުފައްދާ ފިލްމެކެވެ.

"މި ފިލްމަކީ އަޅުގަނޑަށް އަޅުގަނޑުގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެއް. ފަހަރެއްގައި މިދާއިރާއަށް ވެސް ވަރަށް ހާއްސަ ފިލްމަކަށް ވެދާނެ. މިއީ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފެންނަ ފަހު ފިލްމު. ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމަކަށް މި ފިލްމް ވެގެންދާނެ،" ނިއުމާ ކުރިން ބުނެފައިވެ އެވެ.

ނިއުމާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފާހަގަ ކުރުމަށް ސެލެބްރޭޓިން 20ގެ ނަމުގައި އަލްބަމެއްނެރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފިލްމީ ދާއިރާގައި 23 އަހަރު ވީއިރު ފާއިތުވި 23 އަހަރަކީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި މިއަދު ހުރި ހިސާބަށް އާދެވުނީ ބޮޑެތި ގޮންޖެހުންތައް ގިރާކުރުމަށް ފަހު ކަމަށް ނިއުމާ ބުނި އަދި ނިއުމާގެ ފިލްމެއް އަންނަ އަހަރު ފެންނާނެކަން އިއުލާނުކޮށް ފިލްމީ ދާއިރާއިން ރަސްމީކޮށް ރިޓަޔާ ވީކަމަށްވެސް ނިއުމާ ވަނީ ބުނެފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1994 ވަނަ އަހަރު އެވެ. ފާއިތުވި 23 އަހަރު ވަނީ ގިނަ އަދަދެއްގެ ލަވަ އަދި ފިލްމުތަކުގައި ވެސް ހަރަކާތްތެރިވެފަ އެވެ.