11 Apr 2018, 09:37
ޔޫޓިއުބުގައި ފަސް މިލިއަނަށް ވުރެ ގިނަ 'ވިއުސް' ލިބިފައިވާ ސްޕެނިޝް ލަވަ ދެސްޕަސީތޯ އާއި މިއުޒިކް ވީޑިއޯ ޕްލެޓްފޯމް، ވީވޯގެ އެހެން ލަވަތަކެއް ހެކްކޮށްފި އެވެ.
އެ ވީޑިއޯތައް އިއްޔެ ހެކް ކުރި އިރު ވީޑިއޯއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވި ނަމަވެސް ހެކަރުން ވަނީ އޭގެ ކަވާ އިމޭޖް ބަދަލުކޮށްފައެވެ. އޭގެއިން ފެނިގެން ދަނީ މޫނު ފޮރުވައިގެން، ބަޑި ހިފައިގެން ތިބި ބަޔެކެވެ. ދި ވާޖްގައިވާ ގޮތުން އެއީ ސްޕެއިންގެ ޓީވީ ޝޯއަކުން ނަގާފައިވާ ފޮޓޯއެކެވެ.
އަދި އެހެކަރުން ވަނީ ބައެއް ވީޑިއޯތަކުގެ ނަންވެސް ބަދަލުކޮށްފައެވެ. އެގޮތުން 'ހެކްޑް ބައި ކުރިއޯއެސްއެޗް އެންޑް ޕްރޯސޮކްސް' ޖަހައި، 'ފަލަސްތީން މިނިވަން ކުރުމަށް'ވެސް ބައެއް ވީޑިއޯތަކުގެ ތިރީގައި ލިޔެފައިވެ އެވެ.
އޭގެ ސަބަބުން މައްސަލަ ހައްލު ވަންދެން ޔޫޓިއުބުން ވަނީ ވީޑިއޯ ނުފެންނަ ގޮތަށް ކުޑައިރުކޮޅަކަށް ހަދައިފައެވެ. ނަމަވެސް އެމައްސަލަ ހައްލު ކުރުމަށް ފަހު އަނެއްކާވެސް ވީޑިއޯތައް ބަލާލެވޭ ގޮތަށް ހަދައިފައެވެ.
"ބައެއް ވީވޯ ޗެނަލްތަކުން އާދަޔާ ހިލާފު ކަމެއް ފެނުމުން އަޅުގަނޑުމެން ވަނީ މައްސަލަ ތަހުގީގު ކުރެވެން ދެން (ބައެއް ވީޑިއޯތައް) ނުބެލޭ ގޮތަށް ހަދާފައި،" ޔޫޓިއުބުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ލުއިސް ފޮންސީ އަދި ޑެޑީ ޔޭންކީ ކިޔައިފައިވާ ދެސްޕަސީތޯގެ އިތުރުން ޝަކީރާ، ސެލީނާ ގޯމޭޒް، ޑްރޭކް އަދި ޓޭލާ ސްވިފްޓްގެ ގިނަ ވީޑިއޯތައް ވަނީ ހެކްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް ވީވޯއިން ޕޯސްޓުކޮށްފައިވާ ލަވަތަކެވެ.
ވީވޯއިން ވެސް ވަނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ. މިދިޔަ އަހަރުވެސް ވީވޯ ހެކްކޮށް، އެޕްލެޓްފޯމްގެ ބައެއް ފައިލްތައް ލީކުކޮށްފައިވެ އެވެ. (ބީބީސީ)