11 Apr 2018, 09:46
ހުޅުމާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކުމް އާންމު ތަންތަނުގައި ހެދިކާ ވިއްކަން ތިބުމަކީ އާންމުކަމެކެވެ. ފްލެޓުތަކުގެ ތިރީގައި މޭޒު ބަހައްޓައިގެން ހެދިކާ ވިއްކަން ތިބޭތަން ކޮންމެ ދުވަހަކު ވެސް ފެނެ އެވެ.
މި މަސައްކަތް ކުރަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކަމަށްވާތީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލެގައި ހެދިކާ ވިއްކުމުގެ ހިދުމަތް ދިނުމަށް ސަރަހައްދުތަކެއް ކަނޑައަޅައި އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލައިފަ އެވެ.
އިއްޔެ އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ހެދިކާ ވިއްކުމަށް ހުއްދަ ދޫކުރާނީ އެކަމަށް ހާޢްސަ ފޯމެއް ހުށަހެޅުމުން ކަމަށާއި މާދަމާގެ 15:30ގެ ނިޔަލަށް ފޯމު ބަލައިގަންނާނެ ކަމަށެވެ.
ހުއްދަ ދޭނީ އެޗްޑީސީ އިން ހުޅުމަލޭގައި ހެދިކާ ވިއްކަން ތިބެވޭނެ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ އަދަދަށް ކަމަށާއި މިހާރު އެ މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އެ ކަމަށް ވަނީ ޒޯންތަކެއް ކަނޑައަޅައިފަ އެވެ.
އެ ހުއްދަ އަށް އެދޭފަރާތަކީ ހުޅުމާލޭގައި ގޯއްޗެއް ނޫނީ ފްލެޓެއް ނޫނީ ރޯ ހައުސްއެއްގެ ވެރިފަރާތަކަށް ވާންޖެހޭނެ ކަމަށާއި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ހިދުމަތް ދެވޭނެ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ހުއްދަ އަށް އެދޭ މީހާ އަކީ އެޗްޑީސީ އިން ދޫކުރާ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ހުޅުމާލެއިން ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ހެދިކާ ވިއްކުމާ ބެހޭ އުސޫލުގައި ބުނެފައިވާ ގޮތުން އެ އުސޫލުގެ ދަށުން ހެދިކާ ވިއްކުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ފީއެއްގެ ގޮތުގައި އަހަރަކު 150 ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހެ އެވެ. އަދި ހުއްދަ ދޫކުރެވޭނީ އަހަރު ދުވަހަށް ކަމަށާއި އެއް އަހަރު ހަމަވުމުން ހުއްދަ އާކުރަން އެދެންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ. މީގެ އިތުރުން އެ އުސޫލުގައި ބުނެފައި ވަނީ އުސޫލުގެ ދަށުން ހެދިކާ ވިއްކޭނީ ހަވީރު ތިނަކުން ހަޔަކަށް ކަމަށެވެ.
ހުޅުމާލެ އިން ކަނޑައޭޅިފައިވާ ސަރަހައްދު ތަކުގައި ހެދިކާ ވިއްކުމާ ބެހޭ އުސޫލު