ކްލަބު މޯލްޑިވްސް ކަޕް 2018ގެ ސެމީ ފައިނަލް ފުރަތަމަ ދެ ޖާގަ މޯލްޑިވިއަން އަދި އެމްޕީއެލް ހޯދައިފި އެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލް ކުޅުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ފެށުމަށް އޮތް ނަމަވެސް އެރޭ މެޗުތައް މިރެއަށް ފަސްކުރީ ވިއްސާރަވުމުގެ ސަބަބުންނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ ކުޅުން ރޭ ފަށާފައިވާ އިރު، ފުރަތަމަ މެޗުގައި ވާދަކުރީ އުރީދޫ އާއި މޯލްޑިވިއަން އެވެ.

އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗުގެ ނަތީޖާ 5-5ގައި އޮތުމުން، ސެމީއަށް ދާ ޓީމު ކަނޑައެޅީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީ ޖަހައިގެން މޯލްޑިވިއަން އިން މެޗު ކާމިޔާބުކުރީ 9-8ގެ ނަތީޖާއަކުންނެވެ.

މެޗުގައި އުރީދޫގެ ހާފިޒް އަހުމަދު ހަތަރު ގޯލް ޖަހައިފައިވާ އިރު، މެޗުގެ ކުރީކޮޅުގައި އުރީދޫގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ މުހައްމަދު ފާޝިރެވެ. ރޭގެ މެޗުގައި މޯލްޑިވިއަންގެ އަބްދުﷲ ޝައްފާން (ޝަކާ) ދެ ގޯލް ޖަހައިފައިވާ އިރު، މޯލްޑިވިއަންގެ އަނެއް ތިން ގޯލް ކާމިޔާބު ކޮށްދިނީ ހުސައިން އަފްސަލްގެ އިތުރުން ހަމްދާން އަބްދުލް ސައްތާރު އަދި އަހުމަދު އަބްދުލް އަޒީޒު (އާރޮން) އެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި އެމްޕީއެލް އިން އެމްޓީސީސީ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފޯރި ގަދަ މެޗުގައި ފުރަތަމަ ލީޑު ނެގީ އެމްޕީއެލްއިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެމްޕީއެލްގެ އަލީ ޝިފާއު (ރޮނާ)ގެ ގޯލުން އެޓީމު ލީޑު ނެގި ނަމަވެސް، އޭގެ ފަސް މިނެޓް ފަހުން އެމްޓީސީސީ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަކްމަލް މުހައްމަދެވެ.

މެޗު ނިމެން ކައިރިވެފައިވަނިކޮށް އެމްޕީއެލްގެ ދެވަނަ ގޯލާ އެކު އެޓީމު މޮޅުކޮށްދިނީ ހުޝާމް އިބްރާހީމް (ހުއްޓޭ)ގެ ރީތި ހިލޭ ޖެހުމަކުންނެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިރޭ އޮންނަ ކުއާޓާގެ މެޗުތައް:

20:00 ތިލަފުށީ ކޯޕަރޭޝަން - ދިރާގު

21:45 އެލައިޑް - ކްލަބު އެޗުޑީސީ