ސްޕެއިންގެ ވަރުގަދަ ބާސެލޯނާ ސިއްސުވާލާ އިޓަލީގެ ރޯމާއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

އިޓަލީގެ ރޯމާގައި ރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗު ރޯމާއިން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގެ މެޗު ބާސާއިން 4-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮތް ނަމަވެސް، ރޯމާއިން ސެމީއަށް ދިޔައީ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކޮށް، އަވޭ ގޯލުންނެވެ.

ރޯމާ އަދި ބާސާ ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗު ފެށިގެން ހަ ވަނަ މިނެޓުގައި ރޯމާއިންވަނީ ލީޑު ނަގައިފައެވެ. ރޯމާއަށް ލީޑު ނަގައިދިނީ ބޮސްނިއާ ފޯވަޑް އެޑިން ޒެކޯއެވެ. ޒެކޯގެ ގޯލަށްފަހު ރޯމާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައިވެއެވެ. ހާއްސަކޮށް ރޯމާގެ އަރިމަތިން ކުޅެމުންދިޔަ ކުޅުންތެރިންގެ ފަރާތުން ގިނަ ހުރަސްތަކެއް ފެނިގެން ގޮސްފައިވާ އިރު، އިތުރު ހަމަލާތައްވެސް ފުރަތަމަ ހާފްގައި ފެނިގެން ގޮސްފައެވެ.

ދެވަނަ ހާފްގެ ކުރީ ކޮޅުގައިވެސް ވަރުގައަށް ކުޅުނީ ރޯމާއިންނެވެ. މެޗުގެ 58 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ޑެނިއަލޭ ޑި ރޮސީއެވެ. ޑި ރޮސީ އެ ގޯލް ކާމިޔާބުކޮށްދިނީ ލިބުނު ޕެނެލްޓީއަކުންނެވެ.

ދެވަނަ ގޯލާއެކު އުންމީދުގައި ކުޅެމުންދިޔަ ރޯމާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިފައިވާ އިރު، ޒެކޯ އަދި ރަޖާ ނައެންގޮލާންގެ ހަމަލާގެ ހުރަހަކަށްވީ ބާސާގެ ކީޕަރު ޓާ ސްޓެގަންއެވެ.

ގިނަ ހަމަލާ ތަކަކަށްފަހު ރޯމާއިން މެޗުގެ ތިންވަނަ ގޯލް ޖެހީ 82 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ރޯމާއަށް ގޯލް ޖަހައިދިނީ ޑިފެންޑަރު ކޮސްޓާސް މޮނަލާސްއެވެ.

ރޯމާ އަދި ބާސާ ކުޅުނު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިހާތަނަށް މި ސީޒަންގެ ލީގުގައި ބާސާ ބަލިވެފައި ނުވާ އިރު، ރޭގެ މެޗަށް ބާސާ ނުކުތީ ސެމީގެ އުންމީދު ބޮޑުކޮށެވެ. އެހެން ނަމަވެސް ރޯމާގެ ފަރާތުން ރޭގެ މެޗުގައި ފެނިފައިވަނީ އަވަސް އަދި ވަރުގަދަ ފުޓުބޯޅައެކެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ރޯމާ ވެފައިވަނީ ފުރަތަމަ ލެގުގައި ތިން ގޯލްގެ ތަފާތެއް އޮށްވާ ދެވަނަ ލެގުން ނަތީޖާ އަނބުރާލި ތިންވަނަ ޓީމަކަށެވެ. މީގެ ކުރިން އެކަން ކުރެވިފައިވަނީ 2003 ވަނަ އޭސީ މިލާން ކައިރިން ޑެޕޮޓީވޯ ލަކަރޫނިއާ އަދި މިދިޔަ ސީޒަންގައި ޕީއެސްޖީ ކައިރިން ބާސާއަށެވެ.