ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވައިލައި، އުރީދޫގެ އަށްވަނަ މަސްރޭސް ރޭ އިފްތިތާހު ކޮށްފިއެވެ.

އުރީދޫގެ މިއަހަރުގެ މަސްރޭސް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި މިއަހަރުގެ މަސްރޭސް އިފްތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރުގެ ނައިބު އަދި ރާއްޖޭގެ ކުރީގެ ފުޓުބޯޅަ ކުޅުންތެެރިޔާ ޝާހް އިސްމާއީލެވެ.

މަސްރޭސް އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ޑައިރަކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ މަސްވެރިންނަކީ އަބަދުވެސް އުރީދުއާ ވަރަށް ގާތް ބައެއް ކަމަށާއި، މަސްރޭހަކީ މަސްވެރިކަމަށް ލޯބިކުރާ ގިނަ ބައެއްގެ މުބާރާތެއް ކަމަށެވެ.

"މަސްވެރިންނަކީ އުރީދުއަ އަބަދުވެސް ވަރަށް ގާތް ބައެއް. މަސްރޭހަކީ މަސްވެރިކަމަށް ލޯބިކުރާ ވަރަށް ގިނަ ބަޔަކު އެކުވެ، ވަރަށް ފޯރި ގަދަކޮށް ދާ މުބާރާތެއް. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށްވާ އިރު، މަސްރޭސް ފަދަ ހަރަކާތްތައް މެދުވެރިކޮށް، ދިވެހިންނަށް ހާއްސަކޮށް، ދިވެހި ޒުވާނުންގެ މެދުގައި މަޝްވެރިކަމަށް އޮތް ޝައުގު އިތުރު ކުރެވުމަކީ އުރީދޫއަށް ލިބޭ ޝަރަފެއް،" ނިޔާޒް ވިދާޅުވިއެވެ.

މަސްރޭސް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ މަސްރޭހުގައި އެންމެ ބޮޑު ތަފާތަކަށް ފެންނާނީ މުޅި ރާއްޖޭގައި މަސްރޭސް ކުރިއަށް ގެންދިއުމެވެ. އެގޮތުން މިއަހަރުގެ މަސްރޭހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިސޯޓުތަކާއި، ކުންފުނިތަކުގެ އިތުރުން މިނިސްޓްރީތަކަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ފާއިތުވި އަހަރުތަކުގައި މާލޭ ސަރަހައްދަށް އެކަނި މުބާރާތް ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ކޮލިފައިން ބުރެއްގެ އިތުރުން ފައިނަލް ބުރަކަށް ބަހާލައިގެންނެވެ. ކޮލިފައިން ބުރުތައް އަތޮޅު ތެރޭގެ އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އުރީދޫން ނިންމާފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް އެކުލެވޭ ފައިނަލް ބުރު ކުރިއަށް ދާނީ މާލޭގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓުތަކުގެ މެދުގައި ކުރިއަށްދާ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ ރިސޯޓުތަކަށް ވަކިންނެވެ. ކޮންމެ ޒޯނަކުންވެސް އެއްވަނަ އަދި ދެވަނަ ލިބޭ ޓީމުތައް ދެވަނަ ބުރަށް ޖާގަ ލިބޭ އިރު، ކުންފުނިތަކާއި މިނިސްޓްރީތަކުގެ ކޮލިފައިން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާފުށީގައެވެ. އެ ބުރުގައި ޖާގަ ދިނުމަށް އުރީދޫން ނިންމާފައިވަނީ އަށް ޓީމަށެވެ.

މަސްރޭސް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ މަސްރޭހުގައި ޖުމްލަ 10 އިވެންޓެއް ކުރިއަށް ދާނެއެވެ. މި މަހުން ފެށިގެން ތިން މަހަށް މުބާރާތް ކުރިއަށް ގެންދިއުމަށް އުރީދޫން ނިންމާފައިވާ އިރު، ފައިނަލް ބުރު އޮންނާނީ ރަމަޟާން މަސް ތެރޭގައެވެ.

މިދިޔަ ދެ އަހަރު އުރީދޫގެ މަސްރޭސް ކުރިއަށް ގެންގޮސްފައި ނުވި ނަމަވެސް، އޭގެ ކުރިން ޖެހިޖެހިގެން ހަތް އަހަރު މަސްރޭސް ވަނީ ބާއްވާފައެވެ.

މިއަހަރުގެ މަސްރޭހުގެ އިވެންޓް ޕާޓްނަރަކީ ފީލް އިންވެސްޓްމަންޓެވެ.