ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު)އިން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް ތަރައްގީކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތް ތަކުގެ ދަށުން، ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަރނެޓްގެ ހިދުމަތް ގއ. ވިލިގިލީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި ދެ ހިދުމަތް ތައާރަފްކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ، ވިލިނގިލީގައި ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

"މީގެ އިތުރުން 30 އެޕްރިލް 2018 ގެ ކުރިން އެޕްލައި ކުރައްވާ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީ ޑްރޯއެއް އޮންނާނެ. މި ލަކީ ޑްރޯގައި ގުރުއަތުން ހޮވޭ ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި 1 އަހަރުގެ ހިލޭ ދިރާގު ޓީވީގެ ހިދުމަތް ލިބޭނެ،" ދިރާގުން ބުންޏެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ގއ. ވިލިނގިލީގައި މިގާއިމު ކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނޭކަމަށް ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެންމެ ދުވަސްވީ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ، މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނޭ ކަމަށެވެ. މި ކޭޖްގެ އަގަކީ 300 ރުފިޔާއެވެ.

"ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނޭ،" ދިރާގުން ބުންޏެވެ.

ދިރާގު ޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެއެވެ. ދިރާގު ޓީވީމެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 38 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.