10 Apr 2018, 23:31
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ދީފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބް ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.
ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖާބިރަށް އިނގިރޭސިވިލާތުން ރައްކާތެރިކަން ލިބުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.
އަދި އެއީ ހިތްދަތި ދިގު ދަތުރެއް ކަމަށް ވިދާޅުވެ ދިޔާނާގެ ޓްވީޓުގައި ވަނީ، އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުއްވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރުގެ ޕާސްޕޯޓް ސަރުކާރުން ވަނީ ކެންސަލް ކޮށްފައެވެ. ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރިކަން އެނގުނީ އޭނާ އިޓަލީގައި ހުންނެވުމަށްފަހު، އިނގިރޭސިވިލާތަށް ވަޑައިގެންނެވި ތަނުންނެވެ.
ނަމަވެސް ފަހުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިނގިރޭސިވިލާތައް ވަނުމުގެ ހުއްދަ އޭނާއަށް އެގައުމުން ވަނީ ދީފައެވެ.
ޖާބިރަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ލިބިފައިވާއިރު، އޭނާގެ ޔޮޓް ޓުއާސް ކުންފުނިން 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން މީރާއިން ވަނީ ދައުވާ ކޮށްފައެވެ.