10 Apr 2018, 22:43
ފަހު ވަގުތު ނިޝޫ ކުމާރު ޖެހި ގޯލާ އެކު ބެންގަލޫރު އެފްސީ ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު މާޔޫސް ކޮށްލައިފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުއާއި ބެންގަލޫރު އެފްސީ މިރޭ ކުޅުނު މެޗު ބެންގަލޫރުން ކާމިޔާބުކުރީ 1-0ގެ ނަތީޖައަކުންނެވެ.
މިރޭގެ މެޗަކީ ނިއު އާއި ބެންގަލޫރު އެފްސީވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން ވަނަ މެޗެވެ. މެޗަށް ނުކުތް އިރު، ދެ ޓީމު ވެސް އޮތީ ހަ ޕޮއިންޓާ އެކު ފައިދާ ގޯލް އަދި ކޮޅަށް ވަން ގޯލާއި ޖެހި ގޯލްވެސް އެއްވަރު ވެފަ އެވެ.
ބެންގަލޫރު އެފްސީން މިރޭގެ މެޗުގެ ފުރަތަމަ 11ގައި އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި އާއްމުކޮށް ފުރަތަމަ 11 އިން ފެންނަ ކީޕަރު، ގަރުޕްރީތު ސިންހް ސަންދޫ ވެސް ހިމަނައިފައެއް ނުވެ އެވެ. އެހެން ނަމަވެސް މެޗުގެ ފަހު ހާފްގައި ޗެތުރީ ފެނިގެންގޮސްފައިވާ އިރު، މެޗުގައި ނިޝޫ ކުމާރު ޖެހި ގޯލަށް އެސިސްޓް ކޮށްދިނީ އޭނަ އެވެ.
މެޗުގެ ފުރަތަމަ ހާފް ޑޮމިނޭޓް ކޮށްގެން ކުޅުނީ ނިއުއިންނެވެ. މެޗުގެ ފުރަތަމަ ކޮޅުން ފެށިގެން ވެސް ގިނަ ޕާސްތަކެއް ޖަހައިގެން މެޗު ކޮންޓްރޯލް ކުރީ ވެސް ނިއުއިންނެވެ. ބެންގަލޫރު އެފްސީގެ ފަރާތުން ފެނިގެންދިޔައީ ފަހަތަށް ޖެހި ޑިފެންސަށް ވިސްނައިގެން ކުޅުނު ތަނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ބެންގަލޫރު އެފްސީއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ބެންގަލޫރު އެފްސީގެ މެދުތެރެއަށް ކުޅޭ ސްޕެއިންގެ ޑެނިއަލް ސެގޮވިއާގެ ބޯޅައަށް އެޓީމުގެ ފޯވަޑް ބޮއިތަންގް ހައޮކިޕް ކުރިއަށް ދުވި ނަމަވެސް އޭނާއަށް ވުރެ ކުރިން ނިއުގެ ކީޕަރު އިމްރާން މުހައްމަދު (އިންމަ) ވަނީ ބޯޅައަށް ނުކުމެފަ އެވެ. އިންމަ ސާފުކޮށްލި ބޯޅަ ދެވަނަ ފަހަރަށް ވެސް ހައޮކިޕަށް ލިބުމުން އޭނާ އިންމަގެ ބޯ މަތިން ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ނިއުގެ އަފްގާން ޑިފެންޑަރު ޒޮހިބް އިސްލާމް އަމީރު ވަނީ އެ ހަމަލާ ދިފާއުކޮށްފަ އެވެ.
މެޗުގައި ނިއުގެ މެދުތެރެއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ހުސް ފުރުސަތުތަކެއް ތަނަވަސް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ނިއުގެ ޑިފެންސްގެ އަރިމައްޗަށް ކުޅެމުން ދިޔަ އަކުރަމް އަބްދުލްޣަނީގެ ފަރާތުން ގިނަ ހުރަސްތަކެއް ފެނުނު ނަމަވެސް، އެ ހަމަލާތައް ބެންގަލޫރުގެ ޑިފެންސުން ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ބެންގަލޫރު އެފްސީގެ އޭރިއާ ތެރެއިން ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވަރަށް ރީތިކޮށް ތިރިތިރިން ދިން ތުރޫ ބޯޅައަށް، ފޯވަޑް ގުއިލެމް މާޓީ މަސައްކަތް ކުރި ނަމަވެސް އޭނާއަށް ބޯޅައާ ހަމައަށް ދެވޭ ގޮތެއް ނުވި އެވެ. އޭގެ ކުރިން ބެންގަލޫރު އެފްސީގެ ކީޕަރު ވަނީ ބޯޅަ ނަގައިފަ އެވެ.
ދެވަނަ ހާފް ވެސް ވަރުގަދަކޮށް ފެށީ ނިއުއިންނެވެ. އެ ހާފްގައި ދެޓީމުގެ ފަރާތުން ވެސް މާ ބޮޑު ހަމަލާތަކެއް ފެނިފައި ނުވާ އިރު، ނިއުއިން ފުރަތަމަ ހާފަށް ވުރެ ބޮޑަށް ޑިފެންސަށް އިސްކަން ދިންކަން ފާހަގަ ކޮށްލެވުނެވެ.
ބެންގަލޫރު އެފްސީން މެޗުގައި ޖެހި ހަމައެކަނި ގޯލް އެޓީމުން ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ނިއުގެ ޑިފެންޑަރު ނައްޓާލުމަށް ފަހު ސުނިލް ޗެތުރީ، ނިއުގެ އޭރިއާ ތެރެއަށް ވަދެ ތަނަވަސްކޮށްދިން ބޯޅަ ނިޝޫ ކުމާރު ގޯލަށް ފޮނުވާލީ ހުހަށް އޮވެ އެވެ.
މެޗުން މޮޅުވެ ބެންގަލޫރު އެފްސީން ވަނީ އޭއެފްސީ ކަޕް ގްރޫޕް އީގެ އެއްވަނައަށް ޖެހިލައިފަ އެވެ. މި ނަތީޖާއާ އެކު ބެންގަލޫރު އެފްސީން ރާއްޖޭގެ ކްލަބުތަކާ ދެކޮޅަށް ކުޅެ ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ އިތުރު ވެފައިވާ އިރު، މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ބެންގަލޫރު އެފްސީ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މާލޭގައި ކުޅުނު މެޗުގައި ވެސް ބެންގަލޫރުން ގޯލް ޖެހީ ފަހު މިނެޓުގަ އެވެ.