10 Apr 2018, 20:42
ގއ. މާމެންދޫގެ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސް (އެސްއެމްއެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޯ އީދު ފުޓްސަލް ކަޕުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.
މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންގެ ގޮތުގައި "ސަން" ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ސަން ސްޓޫޑިއޯގައި މިއަދު ބޭއްވި ހަފްލާގައި މުބާރާތް އިންތިޒާމްކުރާ ފަރާތުން ސޮއިކުރެއްވީ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްގެ ރައީސް ނުހާދު ރަޝީދެވެ.
ސަން މީޑިއާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ މިންހާ ފާއިޒެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސްއެމްއެސްގެ ރައީސް ނުހާދު ވިދާޅުވީ މުބާރާތް ކަވަރު ކުރުމަށް ސަން ހަމަޖެހިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެކަމަށްޓަކައި ސަން މީޑިއާ ގްރޫޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސަން ސްޕޯޓްސްއާއި ސޮސައިޓީ ފޯރ މާމެންދޫ ސްޕޯޓްސް އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ސަން މީޑިއާ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވެވި، ސީއޯއޯ މިންހާ ވިދާޅުވީ އެސްއެމްއެސް ޖަމިއްޔާއިން ސަން މީޑިއާ ގްރޫޕަށް މުބާރާތް ކަވަރު ކުރުމުގެ ފުރުސަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުންވޭ ސަން މީޑިއާ ގްރޫޕަށް މުބާރާތް ކަވަރު ކުރުމުގެ ފުރުސަތު ދެއްވީތީ. ސަން މީޑިއާ ގްރޫޕުން ކުޅިިވަރާއި ޒުވާނުންގެ އެކިއެކި ކަންކަމުގައި ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމަކަށް ދެކިގެން މިކަހަލަ ހުރިހާ ކަމަކަށްވެސް ވަރަށް ބޮޑަށް އެއްބާރުލުން ދެން،" މިންހާ ވިދާޅުވިއެވެ.

ސަން ސްޕޯޓްސްއާއި ސޮސައިޓީ ފޯރ މާމެންދޫ ސްޕޯޓްސް އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަންގެ ސީއޯއޯ މިންހާ ފާއިޒް ވާހަކަދައްކަވަނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
މިންހާ ވިދާޅުވީ ސަން މީޑިއާ ގްރޫޕްގެ ހުރިހާ މީޑިއަމްއެއް މެދުވެރިކޮށް މުބާރާތުގެ ފުރިހަމަ ކަވަރޭޖް "ސަން ސްޕޯޓްސް" ޓީމުގެ އެހީއާއެކު ގެނެސްދެވިގެން ދާނެ ކަމަށެވެ.
ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއިން މިދިޔަ އަހަރު މުބާރާތް ބޭއްވީ ރަށަށް އެކަނި ނަމަވެސް މި އަހަރުގެ މުބާރާތް ހުޅުވާލީ މުޅި އަތޮޅަށެވެ. އަންނަ ބޮޑު އީދާ ދިމާކޮށް އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވާ އިރު، ބައިވެރިވުމުގެ ފަހު ތާރީހަކީ ޖުލައި މަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާމެންދޫ ޔަންގު ސްޓާސް އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައި ވަނީ 10،000 ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދީފައި ވަނީ 5،000 ރުފިޔާ އެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައި ވަނީ މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހުފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާ އިރު، މި އަހަރުގެ މުބާރާތަށް ފުރުސަތު ހުޅުވާލާފައި ވަނީ 12 ޓީމަށެވެ. ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއިން މައުލޫމާތު ދީފައި ވަނީ މުބާރާތުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ފޯމް ހުށައަޅާ، ރަޖިސްޓްރޭޝަން ފީ ކަމަށްވާ 3،500 ރުފިޔާ ދައްކާ ޓީމުތަކަށް ކަމަށެވެ.
ގއ. މާމެންދޫ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއަކީ އެ ރަށުގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ.