10 Apr 2018, 20:40
ށ. ފޯކައިދޫ އަދި ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އަލުން އިއުލާން ކޮށްފި އެވެ.
އެ ދެ ރަށުގެ އިތުރުން ބ. ދަރަވަންދޫ އަދި ރ. މަޑުއްވަރީގައި ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފޯކައިދޫ އަދި ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމްކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށެވެ.
އެ ދެ ރަށުގައި ފެނުގެ ނިޒާމް ގާއިމްކުރާނީ ގްރީން ކްލައިމެޓް ފަންޑު (ޖީސީއެފް) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ދީފައިވާ ފައިސާ އިންނެވެ.
އެގޮތުން އެ މަސައްކަތުގެ ދަށުން ފެނުގެ ވިޔުގަ އެޅުމާއި ބޯ ހޯލް ހެދުމާއި ވޯޓާ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ގާއިމްކުރުމާއި އާރްއޯ ޕްލާންޓް ޔުނިޓް ހަރުކޮށް އަދި އިދާރީ އިމާރާތެއް އަޅަންޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ދެ ރަށުގައި ފެނުގެ ނިޒާމް ގާއިމް ކުރާނެ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން، ރާއްޖޭގެ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ޑުއަލް އެންވެލޯޕް" ބިޑިން ޕްރޮސެސްގެ ދަށުން ކަމަށެވެ.
އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށް ފައިސާ ބަލައިގަންނާނެ ކަމަށެވެ.
ފޯކައިދޫ އަދި ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ ބިޑް ސެކިއުރިޓީ އަކީ 15،000 އެމެރިކާ ޑޮލަރު ނުވަތަ އެޔާ އެއްވަރު ދިވެހި ރުފިޔާ އެވެ. ބިޑް ސެކިއުރިޓީ މުއްދަތަކީ މިއަދުން ފެށިގެން 148 ދުވަސް (ގާތްގަނޑަކަށް ފަސް މަސް ދުވަސް) އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ދެ ރަށުގައި ގާއިމްކުރާ ފެނުގެ ނިޒާމްގެ ޕްރޮޖެކްޓުގެ ބީލަމުގެ މުއްދަތަކީ މިއަދުން ފެށިގެން 120 ދުވަސް (ހަތަރު މަސް) ކަމަށެވެ.
އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި އެ މިނިސްޓްރީގައި ކަމަށް މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.