ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށް، މ. މަހްމާވިލާ، އާމިނަތު ޝިފާޔާ އިބްރާހިމް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެ ކަމަށެވެ.

ދެހާސް އެއްވަނަ އަހަރު ގާނޫނީ ވަކީލެއްގެ ހުވާ ކުރައްވައިގެން ހުންނެވި ޝިފާޔާ އަކީ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ކުރީން އޭނާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ނައިބުގެ މަގާމު އަދާ ކުރައްވައިފަ އެވެ.

ރައީސް އޮފީހަށް އިއްޔެ އަންޑާ ސެކްރެޓަރީ އެއް އައްޔަން ކުރެއްވިއިރު، އެ ބޭފުޅާގެ އިތުރުން މިވަގުތު އެ އޮފީހުގައި ވެސް ހަ އަންޑާ ސެކްރެޓަރީން ތިއްބަވައެވެ.

ދެން ރައީސް އޮފީހުގައި ތިއްބަވަނީ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓަރުގެ މަގާމު އަދާކުރައްވައި އިބްރާހިމް އިމްޖާދު ޖަލީލާއި ބައިނަލްއަގްވާމީ ތަރުޖަމާންގެ ގޮތުގައި ހުންނެވި އިބްރާހިމް ހުސެއިން ޝިހާބް އަދި ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އެވެ.