29 Aug 2011, 09:10
ޓްރިޕޮލީ (އޮގަސްޓް 29) : ލޮކަރބީގެ މައްސަލާގައި ޝަރީޢަތްކޮށް ޙުކުމްގެ ބައެއް ތަންފީޒު ކުރުމަށްފަހު މިނިވަންކޮށްފައިވާ ލީބިޔާގެ ޢަބްދުލްބާސިތް އަލްއަލްމިޤްރަޙީ ދެން ހުޅަނގުގެ އެއްވެސް ޤައުމަކާ ޙަވާލުނުކުރާނެ ކަމަށް ލީބިޔާގައި ވެރިކަންކުރާ އިިންތިޤާލީ މަޖިލީހުން ބުނެފިއެވެ.
އިންތިޤާލީ މަޖިލީހުގެ ޝަރުޢީ ކަންތައްތަކާބެހޭ އިސްވެރިޔާ މުޙައްމަދުލްޢުލާޤީ ވިދާޅުވީ އެއްވެސް މީހަކަށް އެއް މައްސަލައެއްގައި ދެވަނަ ފަހަރަށް ޝަރީޢަތް ނުހިންގޭނެ ކަމުގައެވެ. އަލްއަލްމިޤްރަޙީގެ މައްޗަށް ސްކޮޓްލޭންޑްގައި ޝަރީއަތްކޮށް ޙުކުމް އިއްވައި ޙުކުމްގެ ބޮޑުބައެއް ތަންފީޒުކޮށްފައިވާ ކަމަށާ ދެން އަލްމިޤްރަޙީ އެއްވެސް ޤައުމަކާ ޙަވާލު ނުކުރާނެ ކަމަށް ޢުލާޤީ ވިދާޅުވިއެވެ.
ޢުލާޤީ އިތުރަށް ވިދާޅުވީ އަލްމިޤްރަޙީ މިނިވަންކުރީ ސްކޮޓްލޭންޑުން ކަމަށާ މިނިވަންކުރުމަށްފަހު މިޤްރަޙީ އަލުން ޖަލަށްލުމަށް ދޫނުކުރެވޭނެ ކަމުގައެވެ. ސްކޮޓްލޭންޑުން އަލްމިޤްރަޙީ މިނިވަންކުރީ ސިއްޙީ ސަބަބުތަކަކަށްޓަކައި 2009 ވަނަ އަހަރުއެވެ. އެއަށްފަހު އަލްމިޤްރަޙީ ދިރިއުޅުއްވަމުން ގެންދަވަނީ އޭނާގެ އުފަން ޤައުމުކަމަށްވާ ލީބިޔާގައި އޭނާގެ ޢާއިލާއާއެކުގައެވެ.
ލޮކަރބީގެ މައްސަލާގައި ލީބިޔާގެ ކުރީގެ ސަރުކާރުންވަނީ އެޙާދިޘާގައި މަރުވި އެމެރިކާ މީހުންނާއި އެހެން ޤައުމުތަކުގެ މީހުންގެ ޢާއިލާތަކަށް ފައިސާގެ ބަދަލުތައްވެސް ދީފައެވެ. މިގޮތުން ބަދަލު ދިނުމަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ގައްޒާފީގެ ދުވަސްވަރު ލީބިޔާ ސަރުކާރުން ދީފައިވާއިރު އެމެރިކާއިން ލީބިޔާއަށް ދިން ޢުދުވާނީ ޙަމަލާތަކުގައި މަރާލެވިފައިވާ ލީބިޔާ މީހުންެގެ ޢާއިލާތަކަށް އެއްވެސް ބަދަލެއް ދިނުމަށް އެމެރިކާ ގެންދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.
އަނެއްކޮޅުން އެމެރިކާ ގެންދަނީ ސްކޮޓްލޭންޑުން މިނިވަންކުރި ލިބިޔާގެ އަލްމީޤްރަޙީ އަލުން ޖަލަށް ލުމަށްޓަކައި އެމެރިކާއާ ހަވާލު ކުރުމަށް ލީބިޔާގެ އިންތިޤާލީ މަޖިލީހަށް ބިރުދައްކައި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ގައްޒާފީގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި އެެމެރިކާގައި ފްރީޒްކޮށްފައިވާ ލީބިޔާގެ އެތަށް ބިލިޔަން ޑޮލަރަކަށް ލީބިޔާގެ ރައްޔިތުން މިހާރު އިންތިހާއަށް ބޭނުންވެފައިވާއިރުވެސް އެމެރިކާ ގެންދަނީ އެފައިސާ އިންތިޤާލީ މަޖިލީހާ ހަވާލުކުރުމަށް ދެކޮޅު ހަދައި އެކި ބާވަތުގެ ބަހަނާތައް ދައްކަމުންނެވެ.
މިއީ އަލްމިޤްރަޙީ އެމެރިކާއާ ޙަވާލުކުރުމަށް އިންތިޤާލީ މަޖިލީހަށް އެމެރިކާ ކުރިމަތިކުރާ ފިއްތުންތަކެއް ކަމަށް އިންތިޤާލީ މަޖިލީހުންވެސް ދެކޭ ކަމަށް މުރާސިލުން ބުނެއެވެ. -- އަލްޖަޒީރާ