10 Apr 2018, 16:33
އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ވެމްކޯގެ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
ސަން އާ ވާހަކަ ދައްކަވަމުން ވެމްކޯގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ފާތިމަތު ޝަމްވީލާ ވިދާޅުވީ އަލިފާން ރޯވީ ރިސައިކަލް ކުރަން ބަހައްޓަފައި ހުރި ކުނިތަކެއްގައި ކަމަށް ބެލެވޭ ކަމަށެވެ. އަލިފާން ރޯވި ސީދާ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ވެމްކޯގެ ސައިޓުގައި އަލިފާން ރޯވެފައި --- ފޮޓޯ: އެމްއެންޑީއެފް
ޝަމްވީލާ ވިދާޅުވީ ކުނި ކޮށީގައި އަލިފާން ރޯވެ އެސަރަހައްދުގައި ހުރި ވެމްކޯގެ އޮފީހަށްވެސް އަލިފާނުގެ އަސަރު ކުރި ކަމަށެވެ. އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްލަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާން ނިއްވުމުގައި ފުލުހުންނާއި ސިފައިން އަދި އާންމުން ވަނީ ބައިވެރިވެފައެވެ.

އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ ވެމްކޯގެ ސައިޓުގައި އަލިފާން ރޯވެފައި --- ފޮޓޯ: އެމްއެންޑީއެފް
ހުޅުމީދޫ ވެމްކޯ ސައިޓުގައި ރޯވެފައިވަނީ މިއަދު މެންދުރު 2:45 ހާއިރު އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެމްކޯ އިން ބުންޏެވެ.