10 Apr 2018, 14:26
އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ހދ ކުޅުދުއްފުށީގައި އަޅާ ބޮޓްލިން ޕްލާންޓަށް މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ ޕްލާންޓުގައި މަސައްކަތްކުރާނެ އޮޕަރޭޝަން އޮފިސަރަކާއި، އެސިސްޓެންޓް ކޮލެޓީ އެސުއަރެންސް އޮފިސަރެއްގެ އިތުރުން ސޭލްސް އެންޑް މާކެޓިން އެސިސްޓެންޓެއްގެ އިތުރުން ސްޓޯ އެސިސްޓެންޓަކު ހޯދަން ވަނީ އިއުލާނު ކޮށްފައެވެ.
މީގެ އިތުރުން ހަތަރު މެޝިން އޮޕަރޭޓަރުންނާއި ހަ ލޭބަރުން އަދި ޑްރައިވަރަކު ހޯދަންވެސް ވަނީ އިއުލާނުކޮށްފައެވެ.
މި ވަޒީފާތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ކުޅުދުއްފުށީގައި އައިބީއެމްއިން ގާއިމް ކުރާ ފެން ޕްލާންޓުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ކުޅުދުއްފުށީގައި ގާއިމް ކުރާ ފެކްޓްރީއަށް އައިބީއެމްގެ ބަޖެޓުން 25 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.
އެ ފެކްޓްރީގެ މަސައްކަތް ފެށޭ އިރު 15 ނޫނީ 20 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެތަނުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީ އަދި އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ވިދާޅުވެފައެވެ.
އެ ފެކްޓްރީގައި އެންމެ ފުރަތަމަ ބަންދު ކުރާނީ 330 މިލި ލީޓަރު، 1.5 އަދި 500 މިލިލީޓަރުގެ ފެން ފުޅި އެވެ.