29 Aug 2011, 09:07
އަންކަރާ (އޮގަސްޓް 28) : ސޫރިޔާގެ ވެރިކަމުގެ ނިޒާމާމެދު އުންމީދު ގެއްލިގެން ހިނގައްޖެ ކަމަށް ތުރުކީގެ ރައީސް ޢަބްދުﷲ ގުލް ވިދާޅުވެއްޖެއެވެ. ތުރުކީގެ އަނަތޯލިޔާ ނޫސް އެޖެންސީއަށް ދެއްވި ބަސްދީ ގަތުމެއްގައި ގުލް ވިދާޅުވީ ވަގުތު ފާއިތުވެގެންދާއިރުވެސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމުން އިސްލާޙީ ފިޔަވަޅުތައް އެދެވޭ ގޮތުގައި އަޅަމުން ނުގެންދާ ކަމަށާ ސަރުކާރާ ދެކޮޅަށް ތެދުވާމީހުން މެރުމުގެ ޖަރީމާތައް ސޫރިޔާ ސަރުކާރުން އަދިވެސް ހުއްޓާނުލާ ކުރިޔަށް ގެންދާ ކަމުގައެވެ.
ސޫރިޔާއިންވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރައްޔިތުން ކުރިމުޒާހަރާ ތަކުގައިވެސް 17 މީހަކު މަރާލާފައެވެ. އަދި ރަމަޟާން މަހުގެ 27 ވިލޭރޭ ރޭއަޅުކަން ކުރަން މީހުންތިބި ބައެއް މިސްކިތްތަކުގައި އިދިކޮޅު ފަރާތްތައް ފިލައިގެން ތިބިކަމަށްބުނެ ސޫރިޔާގެ ސަލާމަތީ ބާރުތަކުންވަނީ ބައެއް މިސްކަތްތަކަށްވަދެ ޝައްކު ކުރެވޭ މީހުންނަށާއި އެފަދަ މީހުންނަށް އެއްބާރުލުންދޭ ކަމަށްބުނާ އިމާމުންނަށްވެސް ޙަމަލާ ދީ ޒަޚަމްކޮށްލާފައެވެ.
އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ސިޔާސީ ބޭނުންތަކުގައި މިސްކަތްތަކުގެ މުންނާރުތައް ބޭނުންކުރާ ކަމަށްބުނެ ސޫރިޔާގެ ސަލާމަތީ ބާރުތަކުން އެތަށް މިސްކަތެއްގެ މުންނާރުތައްވެސް ވަނީ ހަލާކުކޮށްލާފައެވެ. އަދި ކީރިތި ޤުރްއާނުގެ ބައެއް ކޮޕީތައްވެސް ސޫރިޔާގެ ސަލާމަތީ ބާރުތަކުން ވީދާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ސޫރިޔާ ސަރުކާރުން މިކަން ދޮގުކުރެއެވެ. ސޫރިޔާއަށް އެންމެ ބޮޑަށް ވާގިވެރިވާ ޤައުމުކަމަށްވާ އީރާނުންވެސްވަނީ ރައްޔިތުންގެ އެދުން ތަކަށް އިޖާބަ ދިނުމަށާއި ރައްޔިތުން އެދޭ އިސްލާޙްތަކަށް މަގުފަހިކޮށްދިނުމަށާއި ބާރުގެ ބޭނުން ނުކުރުމަސް ސޫރިޔާ ސަރުކާރަށް ގޮވާލާފައެވެ.
ނަމަވެސް އީރާނުގެ އިލްތިމާސް ތަކަށްވެސް ސޫރިޔާ އިޖާބަ ދީފައެއް ނުވެއެވެ. ސޫރިޔާ ސަރުކާރާ ދެކޮޅަށް ސުލްހަވެރިކަމާއެކު ތެދުވާ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން ވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭގައި 2 ހާހަށް ވުރެ ގިނަ ސޫރިޔާ ރައްޔިތުން މަރުވެ އެތަށް ހާސްބަޔަކުވަނީ ޒަޚަމްވެފައެވެ. -- ރޮއިޓާސް