އަލްކައުނުން ކޮންމެ އަހަރަކު ބާއްވާ އިންޓަ ސްކޫލް ޤުރުއާން މުބާރާތުގައި މި އަހަރު 65 ސްކޫލަކުން 914 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

އަލްކައުނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އާދީއްތަ ދުވަހު ފައްޓާ މުބާރާތަކީ ކުރީ އަހަރުތަކާ ހިލާފަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތް ބޭއްވުމުގެ މަގުސަދަކީ ސްކޫލް މަދުރަސާ ތަކުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަތިވެރި މަޤުޞަދު ކަމަށެވެ.

އަލްކައުނު އެ ޓީވީގެ ފަރާތުން ސްކޫލްތަކުގެ މެދުގައި ޤުރްއާން މުބާރާތް ބާއްވާތާ މިއީ ހަތަރު ވަނަ އަހަރެވެ.

އެ މުބާރާތަކީ މިނިސްޓްރީއޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ ސްކޫލް އެކްޓިވިޓީ ކަލަންޑަރު 2018ގައި ހިމެނިފައިވާ މުބާރާތެކެވެ. އަދި އެ މުބާރާތް އޮންނާނީ އެޕްރީލް 15 އިން 24 އަށް ކަމަށް އަލްކައުން އިން ބުންޏެވެ.

އަލްކައުން އިން ބުނީ، އެ މުބާރާތުގެ އެހީތެރި ޕާޓްނާއެއްގެ ގޮތުގައި މި އަހަރު ހަމަޖައްސާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) ކަމަށެވެ. އަދި މުބާރާތުގެ ރެކޯޑިންގް 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަލްކައުން އިން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޓީވީއިން ބުންޏެވެ.