ވޮޝިންޓަން (އޭޕްރިލް 10): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަކީލު މައިކެލް ކޯހެންގެ ގެއާއި އޮފީސް އެފްބީއައި އިން ފާސް ކުރުމުން އެއީ "ގައުމާ ދެކޮޅަށް ދިން ހަމަލާއެއް" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިއްޔެ އެފްބީއައި އިން ވަނީ ވަކީލު ކޯހެންގެ ގެ އާއި އޮފީސް ފާސް ކުރުމަށް ފަހު އޭނާގެ ވިޔަފާރި ރެކޯޑުތަކަކާއި އީމެއިލްތަކާއި ލިޔެކިޔުންތަކެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކޯހެން އާއި ރައީސް ޓްރަމްޕާ ދެމެދު ދެކެވިފައިވާ ވާހަކަތަކާ ގުޅުން ހުރި ލިޔެކިޔުންތަކެއް ހިމެނޭ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަކީލު މައިކެލް ކޯހެން -- ފޮޓޯ: ރޮއިޓާސް

ކޯހެންގެ އޮފީސް ފާސް ކުރަން އެފްބީއައިއަށް ސާޗް ވޮރެންޓެއް ލިބުނީ ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަމުންދާ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާ ނިއު ޔޯކުގެ ޕްރޮސެކިއުޓަރުންނަށް ދެއްވި މައުލޫމާތުތަކާ ގުޅިގެން ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ރައީސް ޓްރަމްޕް ވަނީ އެފްބީއައި އިން ކޯހެންގެ އޮފީސް ފާސް ކުރުމަކީ 'ލަދު ގަންނަން ޖެހޭ ކަމެއް" ކަމަށާއި މުލާގެ ޓީމަކީ "ވަކިކޮޅަކަށް ޖެހިފައިވާ ބައެއް" ކަމަށް ވިދާޅުވެފަ އެވެ.

ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން ކޯހެންއާ ދެކޮޅަށް ދަނީ 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ތެރޭގައި ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. (ބީބީސީ)