ފޭސްބުކްގެ ކޯ ފައުންޑަރު އަދި އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް އެ ކުންފުނިން އިސްތިފާ ދިނުމަށް އިންވެސްޓަރުން ގޮވާލައިފި އެވެ.

ނުފޫޒު ގަދަ އިންވެސްޓަރުންގެ ގްރޫޕަކުން ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައި ވަނީ ބޮޑު ޕަބްލިކު ކުންފުންޏެއް ހިންގަންވީ ގޮތުގެ އެއްވެސް ތަޖުރިބާއެއް މާކްގެ ކިބާގައި ނެތް ކަމަށާއި ކުންފުންޏަށް ކުރިމަތިވާ ގޮންޖެހުންތައް ހުރަސްކުރާނެ ގޮތް ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ.

"މާކް އަކީ ފޭސްބުކްގެ ސީއީއޯ އަދި ކުންފުނީގެ ބޯޑުގެ ޗެއާމަން، އެ ދެ ވަޒީފާ އިން ވެސް އޭނާ އިސްތިއުފާ ދޭން ޖެހޭ،" އެ ސްޓޭޓުމެންޓުގައި ބުނެފައިވެ އެވެ.

ފޭސްބުކްގެ ބޯޑަށް ބަދަލުތައް ގެނައުމަށް ގިނަ އިންވެސްޓަރުންނާއި ސްޓޭކްހޯލްޑަރުން ދަނީ ގޮވާލަމުންނެވެ. ފޭސްބުކްގެ ޑާޓާ ސްކޭންޑަލް އަށް ފަހު އެ ކުންފުންޏަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އިތުރުވެފައިވާ އިރު، އެ ކުންފުންީގެ ޗެއާމަނީ މިނިވަން މީހަކަށް ވާން ޖެހޭކަމަށް އިންވެސްޓަރުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މާކް ބުނީ އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ފޭސްބުކްގެ ވޯޓިން ރައިޓްސްގެ 60 ޕަސެންޓު އޮންނަނީ މާކްގެ އަތުގަ އެވެ.

ކުންފުނީގެ 16 ޕަސެންޓު ހިއްސާ އޭނާ އަތުގައި އޮންނަ އިރު މި ހަފްތާގައި ބާއްވާ ފޭސްބުކްގެ ކޮންގްރެސްއާ އެކު މާކް އަށް ވަނީ ބޮޑެތި ޕްރެޝަރުތައް ކުރިމަތި ވެފަ އެވެ.