10 Apr 2018, 09:24
މޯލްޑިވްސް އިންޑަަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްގަންނަ މިންވަރު އިތުރުކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ 6 މަސްދުވަހު އެވްރެޖްކޮށް މިފްކޯއަށް ދުވާލަކު ކިރުވަނީ 105 ޓަނުގެ މަސްކަމުގައި ވީނަމަވެސް ފާއިތުވެދިޔަ 3 ދުވަހު މިފްކޯއަށް އެވްރެޖްކޮށް 655 ޓަނު މަސް ގަނެފައިވާ ކަމަށެވެ. އަދި މަސްވެރިކަން އާދަޔާޚިލާފަށް ރަނގަޅުވާފަހަރު އެދުވަހެއްގައި ބާނާ ހުރިހާ މަހެއް ގަނެ، ފިނިކޮށް ރައްކާކުރަން އަބަދުވެސް ދަތިތަކެއް ކުރިމަތިވާކަމަށްވެސް މިފްކޯއިން ބުންޏެވެ.
މަސް ކިރުވުމުގައާއި އައިސް ލިބުމުގައި ދިމާވާ ދަތިތައް ކުޑަ ކުރުމަށްޓަކައި މިފްކޯއިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނީ، ދެކުނުގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އުތުރުގައި މަސްގަތުމަށް ހަރަކާތްތެރިވަމުން ދިޔަ މިފްކޯގެ ކަލަމިންޖާ 402 މިހާރު ދެކުނުގައި މަސްގަންނަމުން ގެންދާ ކަމަށެވެ. އަދި ކޫއްޑޫގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށް ކެރިއަރ ބޯޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ، މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރާ ދިމާކޮށް، މިފްކޯގެ ހުރިހާ އައިސްޕްލާންޓްތަކުން ޚާއްސަކޮށް ރާއްޖޭގެ ދެކުނުގައި ހުންނަ އައިސްޕްލާންޓްތަކުން އައިސްއުފައްދާ މިންވަރު އިތުރުކުރުމަށް އައިސްޕްލާންޓްތަށް 42 ގަޑިއިރު އޮފަރޭޓްކުރުމުން ގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ، ކުރިއާ އަޅާބަލާއިރު މަސްގަތުމުގެ ކެޕޭސިޓީ 400 ޓަނުން 720 ޓަނަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މަސް ފިނި ކުރުމުގެ ކެޕޭސިޓީ 216 ޓަނުން 612 ޓަނަށް އިތުރު ކޮށްފައިވާކަމަށެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އައިސް އުފައްދާ މިންވަރު 355 ޓަނުން 630 ޓަނަށް އިތުރު ކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.