10 Apr 2018, 09:25
ވައިޓް ހައުސް (އެޕްރީލް 10) : ސޫރިޔާގެ އިރުމަތީ ޣޫތާ ގެ ދޫމާ ސަރަހައްދަށް ދީފައިވާ ވިހަގޭހުގެ ހަމަލާއަކީ ސޫރިޔާ ސަރުކާރުގެ ހަމަލާއެއް ކަމަށް ވިދާޅުވެ އޭގެ ރައްދުގައި ސޫރިޔާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ދޫމާއަށް ދިން ހަމަލާތަކަށް ރައްދު ދޭނެ ގޮތާ ބެހޭ ގޮތުން އެމެރިކާގެ އަސްކަރީ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދާ މުއާމަލާތް ކުރާނެ އެތައް ޚިޔާރުތަކެއް އެމެރިކާއަށް ލިބިގެންވާ ކަމަށާއި ސޫރިޔާގެ ކަނޑައެޅިފައިވާ އަމާޒުތަކަށް އިސްވެ ހަމަލާދިނުމަކީ ވެސް މީގެ ޚިޔާރެއް ކަމުގަ އެވެ.
ނަމަވެސް އިސްރާއީލުން އެއްވެސް ސަބަބަކާ ނުލައި ސޫރިޔާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ގުޅޭ ގޮތުން ޓްރަމްޕް އެއްޗެއް ވިދާޅެއް ނުވެ އެވެ. އިސްރާއީލުން ސޫރިޔާގެ މިނިވަންކަމާއި އިސްތިގްލާލަށް އިހްތިރާމްނުކޮށް އިސްރާއީލުން ސޫރިޔާގެ އެތައް މިތަނަށް ޙަމަލާތައްދީ އެތައް ބަޔަކު މަރައި ސޫރިޔާގެ އެތައް ތަނެއް ހަލާކުކުރަމުން ގެންދާ އިރު އެމެރިކާއާއި ޔޫރަޕާއި އދ. އިން މިއިން އެއްވެސް ހަމަލާއެއް ކުށްވެރިއެއް ނުކުރެ އެވެ. ނަމަވެސް ސޫރިޔާއިން އިސްރާއީލަށް މިގޮތަށް ހަމަލާދޭ ނަމަ ސޫރިޔާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕާއި އދ. އިން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ އެވެ. މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އާންމުންގެ ގަޔަށް ބަޑިޖަހައި ފަލަސްތީނު މީހުން މަރަމުން ގެންދާ ޖަރީމާތައް ވެސް ޓްރަމްޕް ކުށްވެރި ކުރައްވާފައެއް ނުވެ އެވެ.
ސޫރިޔާގެ އިރުމަތީ ޣޫތާގެ ދޫމާއަށް ހޯމަ ދުވަހު ދީފައިވާ ވިހަގޭހުގެ ހަމަލާއަކީ ވަކި މަގްސަދުތަކެއް ޙާސިލް ކުރުމަށް ޓަކައި ބަޔަކު ފަތުރައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ. ހުޅަނގުގެ މަދަދު ލިބޭ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަށް ބަލިކަށިވެ އެމީހުން ފައިހަރުކޮށްލައިގެން ތިބޭ ތަންތަނުން އެމީހުން ފައިބަން ޖެހޭ ކޮންމެ ވަގުތަކު އެތަނަކަށް ކެމިކަލް ހަމަލާތައް އަމާޒުވެ އެޙަމަލާތަކުގެ ޒިންމާ ސޫރިޔާގެ ބޮލުގައި އަޅުވަމުން ގެންދެ އެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތް ދޫމާއަށް ކެމިކަލް ހަމަލާއެއް ދިންކަމުގެ ޚަބަރު ފަތުރާފައިމިވަނީ ދޫމާގައި ތިބި ހަނގުރާމަވެރިން ބަލިވެ އެސަރަހައްދުގެ 80 ޕަސެންޓް ބިން ސޫރިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ދިޔުމަށްފަހުގަ އެވެ. އަދި އެ ޙަމަލާގައި މަރުވެފައި ވަނީ ވެސް ކުށެއްނެތް އާންމުންނެވެ. ހަނގުރާމަ ވެރިން ގަދަކޮށް ތިބި އިރު ކެމިކަލް ހަމަލާ ނުދީފާ ހަނގުރާމަވެރިން ބަލިވެ އެމީހުން އެތަނުން ބޭރުވާން އެއްބަސްވެފައިވާ މިދަނޑިވަޅުގައި ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ނުބެލެވޭ ކަމަށް ރަޝިޔާ އިން ބުނެ އެވެ. އަދި މިއީ ރޭވުމެއްގެ ދަށުން ސޫރިޔާ އާއި ސޫރިޔާ ސަރުކާރަށް ވާގިވެރިވާ ރަޝިޔާއާއި އީރާންގެ ބޮލުގައި ބަދުނާމު އެޅުވުމަށް ބަޔަކު ކުރާކަމެއްކަމަށް ވެސް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނުބަޔާނެއްގައި ބުނެފައިވެ އެވެ.
އެމެރިކާ އާއި ޔޫރަޕްގެ މަދަދު ލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ބަލިވަމުންދާ މިފަދަ ވަގުތުތަކުގައި ސޫރިޔާ ސިފައިން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނެ މިފަދަ ވާހަކަތައް މީގެކުރިން ވެސް ފަތުރާފައިވާ ކަމަށާއި މިއިން އެއްވެސް ހަމަލާއެއް އދ. އިން މުސްތަގިއްލު ގޮތެއްގައި ތަހްގީގްކޮށް ނަތީޖާ ނެރެފައި ނުވާ ކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެފައިވެ އެވެ. އަދި ސޫރިޔާގެ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކުން ކެމިކަލް ހަތިޔާރު އުފައްދާ ބާވަތުގެ ތަކެތި މީގެކުރިން ފެނިފައިވާކަމަށް ވެސް ރަޝިޔާގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ. ސޫރިޔާ ސަރުކާރުން ވަނީ ދޫމާ އަށް ކެމިކަލް ހަތިޔާރުން ހަމަލާ ދީފައިނުވާނެ ކަމަށާއި އދ.ގެ ބެލުމުގެ ދަށުން އެގައުމުން ކެމިކަލް ހަތިޔާރު ނައްތާލާފައިވާ ކަމަށް ވެސް ސޫރިޔާގެ ޚާރިޖިއްޔާ އިން ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)