އާލިއާ ބަޓް އާއި ވިކީ ކޯޝަލް ލީޑު ރޯލުން ފެނިގެންދާ، މޭގަން ގުލްޒާރުގެ ފިލްމު 'ރާޒީ'ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ޖަންގްލީ ޕިކްޗާޒް އަދި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު އަންނަ މަހު 11ގައި ރިލީޒު ކުރަން ވަނީ ހަމަޖެހިފަ އެވެ. ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެ ޓްރެއިލާ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

'ރާޒީ' އަކީ ހަރިންދަރު ސިއްކާގެ ފޮތް 'ކޯލިންގް ސެހްމަތު'ގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި އާލިއާ އަދާކުރާނީ އިންޑިއާގެ އިންޓެލިޖެންސަށް މައުލޫމާތު ފޯރުކޮށްދޭ ކަޝްމީރު އަންހެނެއްގެ ރޯލެވެ. ފިލްމުގައި އާލިއާގެ ފިރިމީހާގެ ރޯލުން ފެނިގެންދާ ވިކީ ކޯޝަލް އަކީ ޕާކިސްތާނުގެ މިލިޓަރީ އޮފިސަރެކެވެ.

ފިލްމުގެ ޝޫޓިން ވަނީ މިދިޔަ އޮކްޓޯބަރު މަހު ނިންމާލައިފަ އެވެ.