10 Apr 2018, 15:25
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗު މިރޭ އޮންނާނެއެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، 'ގްރޫޕް އީ'ގައި ބެންގަލޫރު އެފްސީ އަދި ނިއުވެސް އޮތީ ހަމަހަމަ ކޮށެވެ. ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ދެ ޓީމުވެސް އޮތް އިރު، ޖެހި ގޯލާއި ފައިދާ ގޯލްވެސް ހަމަހަމައެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ އުސޫލުތައް އޮންނަ ގޮތުން ޕޮއިންޓްގެ ގޮތުން ދެ ޓީމެއް އެއްވަރު ވެއްޖެ ނަމަ، ދެން ބަލާނީ ދެ ޓީމު ކުޅެފައިވާ ހެޑް ޓު ހެޑް މެޗުގެ ނަތީޖާއަށެވެ. އެހެން ކަމުން މިރޭގެ މެޗަކީ ދެޓީމަށްވެސް މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު މެޗެކެވެ.
ބެންގަލޫރު އެފްސީ
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އިންޑިއާގެ ބެންގަލޫރު އެފްސީއަކީ ސަރަހައްދީ ފުޓުބޯޅައިގެ އެންމެ ގަދަ ބާރެވެ. 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލަށްވެސް ދަތުރުކުރި ބެންގަލޫރު އެފްސީއަކީ ގްރޫޕްގެ ފެވަރިޓުންނެވެ.
ޑޮމެސްޓިކް ލީގަށް ބަލާ އިރު، ސުޕަ ލީގުގެ ލީގު ބުރު އެއްވަނައިގައި އޮވެ ނިންމާލި ނަމަވެސް ފައިނަލްގައި ޗެންނާއިޔެން އެފްސީ އަތުން ބަލިވި ބެންގަލޫރު އެފްސީއަށް ވަނީ އަންނަ ސީޒަންގެ އޭއެފްސީ ކަޕްގެ ޖާގަ ގެއްލިފައެވެ.
ލީގު ނުލިބުމާއެކު ސީޒަންގައި ހޯދެން އޮތް ހަމައެކަނި ތަށްޓަކީ މިހާރު ކުރިއަށްދާ އޭއައިއެފްއެފް ސުޕަ ކަޕްގެ ތަށްޓެވެ. އައި ލީގު އަދި ސުޕަ ލީގުގެ ޓީމުތައްވެސް ހިމެނޭ ގޮތަށް ކުޅެވޭ އެ މުބާރާތް ކުރިއަށްދަނީ ނޮކްއައުޓް އުސޫލަކުންނެވެ. މިމަހުގެ 13 ވަނަ ދުވަހު ބުބަނެޝްވާރާއާ ދެކޮޅަށް ބެންގަލޫރު ނުކުންނަ މެޗަކީ މިސީޒަންގައި ޓްރޮފީއެއް ހޯދުމަށް މުހިންމު މެޗެކެވެ.
އޭއެފްސީ ކަޕަކީ ބެންގަލޫރު އެފްސީން އަބަދުވެސް ސަމާލުކަން ދޭ މުބާރާތެއް ނަމަވެސް، މިރޭގެ މެޗަށް ކެޕްޓަން ޗެތުރީގެ އިތުރުން ކީޕަރު ގްރިޕްރީތު ސިންހު ސަންދޫ ފަދަ ކުޅުންތެރިން ނުފެނުން އެކަށީގެންވެއެވެ.
ކޯޗު: އެލްބާޓް ރޯކާ
އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އެލްބާޓް ރޯކާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ބެންގަލޫރު އެފްސީގެ ކޯޗުކަމާ އެލްބާޓް ރޯކާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ސްޕެއިންއަށް އުފަން ރޯކާއަކީ ތަޖުރިބާ ބޮޑު ކޯޗެކެވެ. ހާއްސަކޮށް ސްޕެއިން ފުޓުބޯޅައިގައި އޭނާގެ ތަޖުރިބާ މުހިންމެވެ. ބާސެލޯނާގައި ފްރޭންކް ރައިކާޑްގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި ރޯކާ ވަނީ ގަލަޓަސަރާއީގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް އަދާކޮށްފައެވެ.
ރޯކާއާއެކު ބެންގަލޫރު އެފްސީގެ ޑޮމެސްޓިކް ފޯމް ވަރަށް ބޮޑަށް ރަނގަޅު ވެފައިވާ އިރު، މިދިޔަ ދެ އަހަރެއްގެ ތެރޭގައި ބެންގަލޫރު އެފްސީ ވެފައި ވަނީ މި ސަރަހައްދުގެވެސް އެންމެ ވަރުގަދަ ކްލަބަށެވެ.
މެޗުގެ ކުރިން ބުނި ބަސް
އެލްބާޓް ރޯކާ ނިއުގެ މެޗުގެ ކުރިން ބުނެފައިވަނީ ކުރިއަށް ސުޕަ ކަޕްގެ މެޗެއް އޮތުމުން ސްކޮޑާ މެދު ސަމާލުވާނެ ކަމަށެވެ. އެހެންކަމުން ބައެއް މުހިންމު ކުޅުންތެރިންނަށް ރެސްޓް ދޭނެ ކަމަށާއި، އެހެން ނަމަވެސް މެޗަށް ނެރޭ 11 އަކީ 100 ޕަސެންޓް ޓީމަށް ދޭނެ 11 އެއް ކަމަށް ސަޕޯޓަރުންނަށް ޔަގީންކޮށްދޭ ކަމަށްވެސް ރޯކާ ވަނީ ބުނެފައެވެ.
ލަފާކުރެވޭ ފުރަތަމަ 11
- ލަލުތުއައްމާވިއާ ރާލްޓޭ (ކީޕަރު)
- ރާހުލް ބެކޭ
- އެރިކް ޕާޓަލޫ
- ޒޮހްމިންގްލިއާނޯ ރާލްޓޭ
- ނިޝޫ ކުމާރު
- މަލްސައުމްޒުއާލާ
- އަލްވީން ޖޯޖު
- ވިކްޓާ ޕެރޭޒް
- ސުބަހުޝީޝް ބޯސް
- ތޮންގްހޮސިއެމް ހައޮކިޕް
- ޑެނިއަލް ސެގޮވިއާ
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު
އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބުކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނިއު ރޭޑިއަންޓަކީ އޭއެފްސީ ކަޕްގައި އެންމެ ކާމިޔާބު ދިވެހި ޓީމެވެ. 2005 ވަނަ އަހަރު ނިއުއިން އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ގޮސްފައިވާ އިރު، ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދި ޓީމަކީވެސް ނިއުއެވެ.
މިއަހަރުގެ އޭއެފްސީ ކަޕަށް ނިއު ނުކުތީ މެދުކެނޑުމަކަށް ފަހުއެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުގައި ނިއު ނެރުނު ނަތީޖާތަކަށް ބަލާ އިރު، ނިއުއަށް ތާރީހު ބަދަލު ކޮށްލެވޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިހާތަނަށް ދިވެހި ކްލަބަކަށް ބެންގަލޫރު އެފްސީ ބަލިކުރެވިފައި ނުވާ އިރު، މިއަހަރުގެ އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމަށް ނިއުއަށް އެކަން ކުރަން މުހިންމެވެ. މިރޭގެ މެޗަށް ނުކުންނަ އިރު ނިއު އޮތީ ޑޮމެސްޓިކް އަދި އޭއެފްސީ ކަޕްގައިވެސް ރަނގަޅު ފޯމެއްގައެވެ. ހާއްސަކޮށް ނިއު އެންމެފަހުން ކުޅުނު 22 މެޗުންވެސް ބަލިވެފައެއް ނުވެއެވެ.
ކޯޗު: އޮސްކާ ބުރުޒޮން
ނިއުގެ ކޯޗު އޮސްކާ ބުރުޒޮން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ސްޕެއިންގެ ތިންވަނަ ޑިވިޝަން ޓީމެއް ކަމަށްވާ އާރްސީޑީ މަލާކޯގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން އިންޑިއާގެ މުމްބާއީ އެފްސީއަށް ކޯޗުކަން ކޮށްދިން ކޯޗު، އޮސްކާ ބުރުޒޮންގެ ނުފޫޒު ނިއުގެ ކުޅުމުން ފެންނަމުންދާ އިރު، ނިއުގައި އޮސްކާ ބޭނުން ކުރަމުން އަންނަ ކުޅުންތެރިންނަކީ ވެސް އޭނާގެ ސްޓައިލާ ގުޅޭ ކުޅުންތެރިންނެވެ. ހާއްސަކޮށް ނިއުއިން ފެންނަ ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ސްޕެއިންގެ ކުޅުންތެރިންނެވެ.
ޕާސް ޖަހައިގެން ތިރިން ކުޅޭ ފުޓުބޯޅައެއް ނިއުގެ ފަރާތުން ފެނިފައިވާ އިރު، އޮސްކާގެ އެންމެ ނުރައްކާ ހަތިޔާރެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
އެންމެ ފަހުން އޭއެފްސީ ކަޕްގައި އިންޑިއާގެ އައިޒޯލް އެފްސީއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައިވެސް ހެޓްރިކް ހެދި ދަގަނޑޭ މި ސީޒަންގައި ފޯމުގައި ކުޅެމުންދާ އިރު، މިރޭގެ މެޗުގައިވެސް އޮސްކާއަށް ދަގަނޑޭގެ ހިދުމަތް މުހިއްމުވާނެއެވެ.
މެޗުގެ ކުރިން ބުނި ބަސް
ނިއުގެ ސްޕެއިން ކޯޗު އޮސްކާއަކީ އިންޑިއާގެ ފުޓުބޯޅައަށް އާ ކޯޗެއް ނޫނެވެ. މިދިޔަ ސީޒަންގައި ނިއުއާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ އިންޑިއާގެ ސްޕޯޓިން ގޯއާގެ އިތުރުން މުމްބާއީ އެފްސީގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.
މިރޭގެ މެޗާ ގުޅޭގޮތުން އޮސްކާ ބުނީ ބެންގަލޫރު ޓީމު ރަނގަޅަށް އެނގުނު ނަމަވެސް، އެޓީމުގެ ފެންވަރަކީ އިންޑިއާގެ އާދައިގެ ކްލަބެއްގެ ފެންވަރަށްވުރެ މަތީ ފެންވަރެއް ކަމަށެވެ. އަދި ގްރޫޕްގައި ދެ ޓީމުވެސް ހަމަހަމަ ވެފައި އޮތުމުން މިރޭގެ މެޗަކީ ކޮންމެހެންވެސް މޮޅުވާން ޖެހޭނެ މެޗެއް ކަމަށާއި، ނުކުންނާނީ އެކަން ހާސިލް ކުރަން ކަމަށްވެސް އޮސްކާ ބުންޏެވެ.
ލަފާކުރެވޭ ފުރަތަމަ 11
- އިމްރާން މުހައްމަދު (އިންމަ)
- އަކުރަމް އަބްދުލްޣަނީ (އަކޫ)
- ޖޯޖު ގޮޓޯ
- ހިޝާމް ސަލީމް (ކޮކީ)
- ޒޮހިބް އިސްލާމް އަމީރީ
- މުހައްމަދު އުމައިރު
- ކަންޑެލާ
- ހަމްޒާ މުހައްމަދު (ހަމްޕު)
- އަލީ ފާސިރު (ސެންޓޭ)
- އަލީ އަޝްފާގު (ދަގަނޑޭ)
- ރިހާމް އަބްދުލްޣަނީ (ބޮބީ)
މެޗު ކުޅޭ ސްޓޭޑިއަމް: ސްރީ ކަންޓީރަވަ ސްޓޭޑިއަމް، ބެންގަލޫރު، އިންޑިއާ
މެޗު ގަޑި: ރާއްޖެ ގަޑިން 7:30
ރާއްޖޭގެ ޓީވީއެމް އާއި ޔެސް ޓީވީން ލައިކޮށް މެޗު ދައްކާނެ