10 Apr 2018, 08:57
އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗު އޮންނާނީ މިރޭ އިންޑިއާގެ ބެންގަލޫރުގައެވެ.
މެޗަށް ނުކުންނަ އިރު، ގްރޫޕް އީގައި ބެންގަލޫރު އެފްސީ އަދި ނިއުވެސް އޮތީ ހަމަހަމަ ކޮށެވެ. ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ދެ ޓީމުވެސް އޮތް އިރު، ޖެހި ގޯލާއި ފައިދާ ގޯލްވެސް ހަމަހަމައެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ އުސޫލުތައް އޮންނަ ގޮތުން ޕޮއިންޓްގެ ގޮތުން ދެ ޓީމެއް އެއްވަރު ވެއްޖެ ނަމަ، ދެން ބަލާނީ ދެ ޓީމު ކުޅެފައިވާ ހެޑް ޓު ހެޑް މެޗުގެ ނަތީޖާއަށެވެ. އެހެންކަމުން މިރޭގެ މެޗަކީ ދެޓީމަށްވެސް މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު މެޗެކެވެ.
މިރޭގެ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިއުގެ އެސިސްޓެންޓް ކެޕްޓަން، އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ބުނެފައިވަނީ މެޗަށް ނުކުންނާނީ ކްލަބުގެ އިތުރުން ގައުމުވެސް ތަމްސީލު ކުރުމަށް ކަމަށެވެ.
"އެންމެންނަށްވެސް އެނގޭނެ ބެންގަލޫރަކީ ނިއުއަށްވުރެ ބޮޑު ކްލަބެއް ކަން. އެކަމަކު މެޗަށް ނުކުންނާނީ ކްލަބާއި ދިވެހި ގައުމު ތަމްސީލުކުރުމަށް. ވަރުގަދަ ފައިޓެއް ދޭނަން. އަނެއް ބުރަށް ދިއުމަށް ބޮޑެތި މެޗުތަކުންވެސް މޮޅުވާން ޖެހޭ. މާދަމާގެ މެޗަކީ މޮޅުވާން ޖެހޭ މެޗެއް. އިރާދަކުރެއްވިއްޔާ މޮޅުވާނެ،" އަކޫ ބުންޏެވެ.
ބެންގަލޫރު އެފްސީއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ކްލަބެވެ. 2016 ވަަނަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލަށްވެސް ދަތުރުކުރި ބެންގަލޫރު އެފްސީގެ ތާރީހުގައިވެސް މިހާތަނަށް ރާއްޖޭގެ ކްލަބެއް އަތުން ބަލިވެފައެއް ނުވެއެވެ.
މިރޭގެ މެޗާ ގުޅިގެން ބޭއްވި ޕްރެސްގައި ނޫސްވެރިއަކު ވަނީ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ)ގެ ހާލަތާ ގުޅިގެން ސުވާލުކޮށްފައެވެ. ދަގަނޑޭގެ ހާލަތާ ގުޅިގެން ސުވާލުކޮށްފައި މިވަނީ މިދިޔަ ހަފްތާ ތެރޭގައި ދަގަނޑޭގެ ވާހަކަތައް ވަރަށް ގިނައިން ދިވެހި ފުޓުބޯޅައިގައި ދެކެވިފައި ވަނިކޮށެވެެ.
"އަޝްފާގާ ގުޅިގެން ބައެއް ވާހަކަތައް އަޑުއިވިފައި އޮވެދާނެ. އަހަރެން އަޝްފާގާއެކު ނުވަ ވަރަކަށް އަހަރު އެކިއެކި ތަޖުރިބާތައް ކޮށްފިން. އޭނާއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. އަޝްފާގު ހުރީ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނަން ތައްޔާރަށް،" ދަގަނޑޭގެ މެންޓާލިޓީއާ ގުޅޭގޮތުން އަކޫ ބުންޏެވެ.
ނިއުއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗެ ފަށާނީ ރާއްޖެ ގަޑިން މިރޭ 7:30 ގައެވެ. އެ މެޗު ޔެސް ޓީވީން ލައިވް ކުރުމަށް ހަމަޖެހިފައިވެއެވެ.