ކުރީގެ އަސަރީ ކެފޭ އިމާރާތުގައި ހިންގާ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އޮފީހުގެ ތިރީ ފްލޯގެ ބެރިއެއް ވެއްޓި ގެއްލުންތަކެއް ލިބުމުގެ ސަބަބުން އެ އިމާރާތުގައި މަސައްކަތް ކުރުމަކީ ރައްކާތެރި ކަމެއް ކަމަށް ނުފެންނާތީ އެ އޮފީހުން ދެމުންގެން އަންނަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

އެ ހާދިސާ ހިނގީ މިރޭ 11:30 އެހާކަންހާއިރު އެެވެ.

ވޯކް ވިސާ ސެކްޝަން ހިންގަމުން އަންނަ ތިރީ ފްލޯގެ ބެރި ވެއްޓުނު އިރު އޮފީސްތެރޭ ދެތިން މުވައްޒަފަކު މަސައްކަތް ކުރަން ތިބި ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

"ކުދިން ހަމަ ނައްޓާލިތަނާ ވެއްޓުނީ. ނަސީބަކުން އެއްވެސް ކުއްޖަކަށް ގެއްލުމެއް ނުވޭ. ވެއްޓުނު ބައިގައި ގާތްގަނޑަކަށް ތިން ފޫޓު ހުންނާނެ،" އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު އިއުލާނުގައި ބުނަނީ، އިމާރާތަށް ލިބުނު ގެއްލުމާ ގުޅިގެން އެ އިމާރާތުގައި މަސައްކަތް ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ނުފެންނާތީ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް، މާދަމާގެ ނިޔަލަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަތުމުގެ މަސައްކަތް އޮފީހުން ކުރިއަށްގެންދާނެ ކަމަށެވެ.

އަދި އީދު ބަންދަށް ފަހު އެ އޮފީހުން ދެމުންގެންދާ ހިދުމަތްތައް އެހެން އިމާރާތަކަށް ބަދަލުކުރުމަށް ނިންމައި، އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.

ސަރުކާރު މުވައްޒަފުންގެ ނާދީ )ހ.ބްލޫހެވަން( ގައި އިމިގްރޭޝަނުން ދެމުންގެންދިޔަ ބިދޭސީންނާ ގުޅޭ ހުރިހާ ހިދުމަތްތަކެއް އަމީނީމަގުގައި ހުންނަ ކުރީގެ އަސަރީ ކެފޭ އަށް ބަދަލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އެވެ. އެ އިމާރާތް ވަނީ ވަރަށް ގިނަ ދުވަސްވެ، ބާވެފަ އެވެ.