10 Apr 2018, 08:48
އިންޑިއާގެ ބެންގަލޫރު އެފްސީއަކީ އެގައުމުގެ އެހެން ކްލަބުތަކަށްވުރެ މާ ކުރީގައި އޮތް ކްލަބެއް ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު، އޮސްކާ ބުރުޒޮން ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއު ކުޅޭ ތިންވަނަ މެޗުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް މިރޭ އިންޑިއާގައި ނުކުންނަ އިރު، އެ މެޗަކީ ގްރޫޕް ސެޓޭޖުގައި ދެޓީމަށްވެސް މުހިންމު މެޗެކެވެ.
"އެއްވަރަކަށް ޕޮއިންޓް ލިބިފައި އޮތީ ނިއުއާއި ބެންގަލޫރަށްވެސް. ފައިދާ ގޯލްވެސް ހަމަހަމަ. ކޮޅަށް ވަން ގޯލްވެސް ހަމަހަމަ. ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ ދެ މެޗު، ގްރޫޕްގައި އެންމެ މުހިންމުވާނީ. ހެޑް ޓު ހެޑް އުސޫލުން ބަލާ އިރު، ބެންގަލޫރު އަދި ނިއު ކުޅޭ ދެ މެޗަކީ ގްރޫޕުގެ އެންމެ މުހިންމު ދެ މެޗު،" ނިއުއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗުގެ މުހިންމު ކަމާ ގުޅިގެން އޮސްކާ ބުންޏެވެ.
އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އިންޑިއާގެ އައިޒޯލް އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން: 3-1ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނިއުގެ ސްޕެއިން ކޯޗު އޮސްކާއަކީ އިންޑިއާގެ ފުޓުބޯޅައަށް އާ ކޯޗެއް ނޫނެވެ. މިދިޔަ ސީޒަންގައި ނިއުއާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ އިންޑިއާގެ ސްޕޯޓިން ގޯއާގެ އިތުރުން މުމްބާއީ އެފްސީގެ ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.
އޮސްކާ ބުނީ ބެންގަލޫރު ޓީމު ރަނގަޅަށް އެނގުނު ނަމަވެސް، އެޓީމުގެ ފެންވަރަކީ އިންޑިއާގެ އާދައިގެ ކްލަބެއްގެ ފެންވަރަށްވުރެ މަތީ ފެންވަރެއް ކަމަށެވެ.
"އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ބެންގަލޫރު އެފްސީގެ ސްކޮޑާއި ކޯޗުވެސް. އެއީ ފައިދާ އަކަށް ވެދާނެ. އެކަމަކު ބެންގަލޫރު އެފްސީއަކީ އިންޑިއާގެ އާދައިގެ ކްލަބެއް ނޫން. ދަނޑު ހާލަތަށް ބެލިއަސް އެނގޭނެ. ތަފާތު ލެވެލް އެއްގެ ދަނޑެއް،" އޮސްކާ ބުންޏެވެ.
ބެންގަލޫރު އެފްސީގެ ކޯޗުކަމުގައި މިވަގުތު ހުރި އެލްބާޓް ރޯކާއަކީވެސް ސްޕެއިންގެ ކޯޗެކެވެ. ހާއްސަކޮށް އޮސްކާއާއި ރޯކާގެ ކުޅުމުގެ ސްޓައިލަކީ ދާދި އެއްގޮތް ސްޓައިލެކެވެ.
"ރޯކާ އަންނަނީ ކުރިން ބެންގަލޫރު އެފްސީގެ ކޯޗަކަށް ހުރި އެޝްލީގެ ލެގަސީ ދަމަހައްޓަމުން. ބެންގަލޫރުންވެސް ކުޅެނީ ޕާސިން ފުޓުބޯޅައެއް. ބޯޅަ ހިފަހައްޓައިގެން ކުޅޭ ފުޓުބޯޅައެއް. ކޮމްބިނޭޝަން ފުޓުބޯޅައެއް. ނިއުއަކީވެސް ހަމަ އެ ސްޓައިލްގެ ފުޓުބޯޅަ ކުޅޭ ޓީމެއް. ބޯޅަ ހިފަހައްޓައިގެން ނިއުވެސް ކުޅޭނީ. މެޗު ވެގެންދާނީ ބަލާ ހިތްވާ ފުޓުބޯޅައެއް ފެނިގެންދާނެ މެޗަކަށް،" މިރޭގެ މެޗުގައި ފެންނާނެކަމަށް އުންމީދުކުރާ ކުޅުމުގެ ސްޓައިލާ ގުޅޭގޮތުން އޮސްކާ ބުންޏެވެ.
އޮސްކާ އިތުރަށް ބުނީ އޭއެފްސީ ކަޕްގެ ޖާގައެއް ހޯދުމަށް ނިއުއިން މިދިޔަ ސީޒަންގައި ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށާއި، އެ ބުރަ މަސައްކަތް ބިނާ ވާނީ ބެންގަލޫރު މެޗުގެ ނަތީޖާއަށް ކަމަށެވެ. ހާއްސަކޮށް އޭއެފްސީ ކަޕްގައި އިތުރަށް ކުރިއަށް ދިއުމަށް މެޗުގެ ނަތީޖާ ވަރަށް މުހިންމު ކަމަށްވެސް އޮސްކާ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ޑޮމެސްޓިކް ސީޒަންގައި ނިއުއާއި ބެންގަލޫރު އެފްސީ އޮތީ ތަފާތު ހާލަތެއްގައެވެ. ނިއުއިން ސީޒަން ފެށިގެން ކުޅުނު ހަތަރު ލީގު މެޗުން ތިން މެޗުން މޮޅުވެފައިވާ އިރު، އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އަދި އޭއެފްސީ ކަޕްގައި މިހާތަނަށް ކުޅުނު ދެ މެޗުންޗެސް ނިއު ވަނީ މޮޅުވެފައެވެ.
ބެންގަލޫރު އެފްސީ އޮތީ ސުޕަލީގު ފައިނަލްގައި ބަލިވެ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގަ ގެއްލިފައެވެ. ސީޒަންގެ އެންމެ ފަހު މުބާރާތް ކަމަށްވާ، އޭއައިއެފްއެފް ސުޕަ ކަޕްގައި އަންނަ ހުކުރު ދުވަހު އެޓީމު ނުކުންނަ ޖެހޭނީ ބުބަނެޝްވާރާ ދެކޮޅަށެވެ. އެއީ ނޮކްއައުޓް މެޗަކަށްވާ އިރު، ބެންގަލޫރަށް ސީޒަންގައި ތަށްޓެއް ހޯދުމަށް އެ މެޗުވެސް މުހިންމެވެ. އެހެން ނަމަވެސް މިހާތަނަށް ބެންގަލޫރު އެފްސީގެ ތާރީހުގައިވެސް ދިވެހި ކްލަބެއް އަތުން ބަލިވެފައެއް ނެތެވެ.
އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި ފުރަތަމަ ލެގު މެޗުގެ ތެރެއިން: އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބެންގަލޫރު އެފްސީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އިއްޔެގެ ޕްރެސްގައި އޮސްކާ ވަނީ މި ސަރަހައްދުގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ދެ ނަން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި ސުނިލް ޗެތުރީގެ ކުރިމަތިލުމާ ގުޅޭ ގޮތުންވެސް ވާހަކަ ދައްކައިިފައެވެ.
"ދެކުނު އޭޝިއާ ފުޓުބޯޅަ ރަމްޒުކޮށްދޭ ދެ ކުޅުންތެރިންނަކީ އަޝްފާގު އަދި ޗެތުރީ. މި މެޗުން ގިނަ ބަޔަކު ބަލާލަން ބޭނުން ވަނީ އެ ދެ ކުޅުންތެރިންގެ ކުރިމަތިލުން. އަޝްފާގަކީ ހަމައެކަނި މޮޅު ކުޅުންތެރިއެއްވެސް ނޫން. އޭނާއަކީ ކެޕްޓަނެއް. ތަޖުރިބާކާރު ކުޅުންތެރިންގެ ނަމޫނާއެއް. ޓީމުގައި އަޝްފާގު ހުރުމަކީ ލިބޭ ނަސީބެއް،" އޮސްކާ ބުންޏެވެ.