މި ސީޒަން ނިންމާލުމަށްފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް ފެނާންޑޯ ޓޮރޭސް ބުނެފިއެވެ.

މި ސީޒަންގެ ނިޔަލަށް އެތުލެޓިކޯއާއެކު ޓޮރެސް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ އިރު، ޓޮރޭސް ބުނެފައިވަނީ އޭނާއަށް ލިބޭ ފުރުސަތުތައް މަދުވުމުގެ ސަބަބުން ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

އެތުލެޓިކޯއަކީ ޓޮރޭސްގެ ފުޓުބޯޅަ ކެރިއަރު ފެށި ކްލަބެވެ. އެ ކްލަބުން އިނގިރޭސިވިލާތުގެ ލިވަޕޫލަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކި ޓޮރޭސްވަނީ ޗެލްސީއަށްވެސް ކުޅެފައެވެ. ޗެލްސީއާއެކު 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް އުފުލާލި ޓޮރޭސް އަނބުރާ އެތުލެޓިކޯއަށް ދިޔައީ 2014 ގައެވެ. އެއީ ޗެލްސީއަށް ކުޅުމަށްފަހު އޭސީ މިލާންގައި ލޯން ސީޒަނެއްވެސް ހޭދަކުރުމަށް ފަހުގައެވެ.

އެތުލެޓިކޯ ދޫކޮށްލިކަން އިއުލާން ކުރަމުން ޓޮރޭސް ބުނެފައިވަނީ އޭނާގެ ފުރަތަމަ ކްލަބަށް ދެވަނަ ފަހަރަށް ވަދާއުގެ ސަލާން ކުރަން ޖެހުމަކީ ވަރަށް ދެރަވާ ވަގުތު ކޮޅެއް ކަމަށެވެ. އެތުލެޓިކޯގައި ކެރިއަރު ނިންމާލަން ކުރިން ބޭނުންވި ނަމަވެސް ބޭނުންވަނީ އަދި ކުރިއަށް އޮތް ދެތިން އަހަރުވެސް ހުއްޓާނުލާ ކުޅެން ކަމަށް ޓޮރޭސް ބުނެފައިވެއެވެ.

އެތުލެޓިކޯއިން ބުނެފައިވަނީ އަންނަ މަހު 20 ވަނަ ދުވަހު އެތުލެޓިކޯއިން ހޯމްގައި އެއިބާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓޮރޭސްއަށް ހާއްސަ ޝަރަފުގެ ގާޑެއް ދޭނެ ކަމަށެވެ. މީގެ އިތުރުންވެސް އެތުލެޓިކޯ ރައީސް އެންރިކޭ ކެރޯޒޯ ބުނެފައިވަނީ ޓޮރޭސްއަކީ ކްލަބުގެ ލެޖެންޑެއް ކަމަށާއި، އެތުލެޓިކޯއިން އަބަދުވެސް ޓޮރޭސްއަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ދެ ފަހަރެއްގެ މަތިން އެތުލެޓިކޯއަށް ކުޅުނު ޓޮރޭސްވަނީ އެ ކްލަބަށް 126 ގޯލް ޖަހައިދީފައެވެ. ކްލަބު ފުޓުބޯޅައިގެ އިތުރުން ސްޕެއިން ގައުމީ ޓީމާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ އުމުރުން 34 އަހަރުގެ ޓޮރޭސްވަނީ ވޯލްޑް ކަޕާއި ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.