ސިޔާސީ ޕާޓީތަކާއެކު އިލެކްޝަންސް ކޮމިޝަނުން ބާއްވަން ނިންމާފައިވާ ބައްދަލުވުމުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބައިވެރި ނުވާނެކަމަށް ބުނެފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ޕާޓީތަކުން އިންތިހާބަށް ވާ ތައްޔާރީތަކުގެ މައުލޫމާތު ސަރުކާރު ހިންގާ ޕީޕީއެމް އަށް ދިނުމަށް ކަމަށެވެ.

ޕާޓީތަކާ ބައްދަލުކުރަނީ ޕާޓިތަކުގެ މަސައްކަތްތައް މޮނީޓާ ކުރަން ކަމަށް ބުނެ ކަމަށާއި ޕާޓީތަކުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުގައި ޕާޓީތަކުގެ މަސައްކަތުގެ ތަފްސީލު ހިމަނާފައި ހުންނާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

"އީސީއަށް ގާނޫނުގެ ދަށުން ދޭން ޖެހޭ މައުލޫމާތުތައް ޕާޓީތަކުން ވަނީ އަހަރީ ރިޕޯޓުތަކުގައި އަދި މާލީ ހިސާބުތައް ފޮނުވަން ޖެހޭ ކަންކަން އޮޑިޓުން އަންގާފައި،" ސަމީރު ވިދާޅުވިއެވެ.

އިލެކްޝަނުން ޕާޓީތަކާ އެކު ބާއްވާ ބައްދަލުވުން ފުރަތަމަ ބާއްވަން ނިންމީ ހުރިހާ ޕާޓީއެއް އެކުގައި ކަމަށާއި ފަހުން ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަން ބޭނުންވެގެން އެދުނު ނަމަވެސް އެ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކުން ބައިވެރިވާން ބޭނުން ނުވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

އިލެކްޝަނުން ޕާޓީ ތަކަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ ކަމަށާއި އެ ފައިސާތައް ޕާޓީތަކަށް ދީ "ޕާޓީތަކުގެ ހައްގު އަދާކުރުމަށް" ސަމީރު ވަނީ ގޮވާލައްވައިފައެވެ.

އޭނާ ވިދާޅުވީ އިދިކޮޅުން ރިޔާސީ އިންތިޚާބަށް ނެރޭނީ އެއް ކެންޑިޑޭޓު ކަމަށާއި އެންމެ އެކަށީގެންވާ ވަގުތާއި ހާލަތުގައި އެ ކެނޑިޑޭޓަކީ ކާކުކަން އެނގޭނެ ކަމަށެވެ.

ޕާޓީތަކާއެކި ބާއްވާ ބައްދަލުވުންތައް މާދަމާ ފެށުމަށް އިލެކްޝަނުން ވަނީ ނިންމައިފައެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އެހެން ބުނިނަމަވެސް އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީތަކާ އެކު ބައްދަލުވުންތައް ބާއްވަނީ ސިޔާސީ ޕާޓީތައް މޮނީޓަރުކޮށް، ރެގިއުލޭޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ޕާޓީތަކަށް އެ ކޮމިޝަނުން ހިއްސާކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައިވެ އެވެ.