ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ވާދަކުރާ މެޗު އޮންނާނީ މާދަމާ ރޭ ގައެވެ.

އެ ދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު، ލިވަޕޫލުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

ދެވަނަ ލެގަށް ސިޓީގެ އަމިއްލަ ދަނޑުގައި ނުކުންނަ އިރު، މެޗާ ގުޅިގެން ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ސެމީ ފައިނަލަށް ދިއުމަށް ބޭނުންވަނީ ފުރިހަމަ މެޗެއް ކަމަށެވެ.

"ރަނގަޅު ފުޓުބޯޅައެއް ކުޅުމަށް ޕޮސިޓިވް ވާން ޖެހޭނެ. ރަނގަޅަށް ވިސްނަން ޖެހޭނެ. ސެމީއަށް ދިއުމަށް ކުޅެން ޖެހޭނީ ޕާފެކްޓް މެޗެއް. ކޮޅަށް ގޯލެއް ނުވައްދާ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ނަތީޖާ އަނބުރާލުމަށް 90 މިނެޓް، އަދި އިތުރު ވަގުތުގެ ކުޅުންވެސް އޮންނާނެ ކަމަށާއި، ސިޓީން ފަހު މިނެޓާ ހަމައަށްވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"އޮންނާނެ 90 މިނެޓް، އަދި އިތުރު ވަގުތުވެސް ލިބޭނެ އެއްވަރު ވެއްޖެއްޔާ. އެހެންވީމަ ސިޓީ ކުރާނީ މަސައްކަތް. ސިޓީން ވާނީ މުޅި ސީޒަންގައިވެސް ފެންވަރު ދައްކައިފައި. މެޗުތަކުގެ ފަހު މިނެޓުގައިވެސް ފުލުފުލުގައި ޗާންސްތައް ހޯދައިގެން ކުޅެފައި އޮންނާނެ،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ހަފްތާއާ ހަމައަށް ސިޓީ ސީޒަންގައި އެންމެ ހަތަރު ބަލިވެފައި އޮތް ނަމަވެސް، މިދިޔަ ހަފްތާ ތެރޭގައި ސިޓީވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުން، ސިޓީން ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ.

ސިޓީގެ ކުޅުންތެރިންގެ މެންޓަލް ހާލަތާ ގުޅިގެން ގާޑިއޯލާ ބުނީ، ފުޓުބޯޅައިގައި އަންނާނީ ޓެސްޓްތައް ކަމަށާއި، ކުޅުންތެރިން ސައިކޮލޮޖިކަލީ ފިޓް ނޫންނަމަ އެއީވެސް ލިބޭނެ ފިލާވަޅެއް ކަމަށެވެ.

ގިނަ ދުވަސްތަކަކު އަނިޔާގައި ހުރުމަށްފަހު ސާޖިއޯ އަގުއޭރޯ ފިޓް ވެފައިވާ އިރު، އަގުއޭރޯ ފިޓްވުން ވެގެންދާނީ ގާޑިއޯލާއަށް ލިބޭ ހިތްވަރަކަށެވެ. އަގުއޭރޯއަކީ ސިޓީގެ ތާރީހުގައިވެސް ކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ.