އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ފަރުވާ، އެ މީހުން ތިބި ގެއަކަށް ގޮސް، ފޯރުކޮށްދިނުމުގެ ހާއްސަ ހިދުމަތެއް އޭޑީކޭ ހޮސްޕިޓަލުން ފަށައިފި އެވެ.

އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަކޮށްގެން، "އޭޑީކޭ އެޓް ހޯމް"ގެ ނަމުގައި އެ ހިދުމަތް ތައާރަފްކުރީ މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް އެވެ.

ހިދުމަތާ ގުޅޭ މައުލޫމާތު ދެއްވަމުން އައްފާލު ވިދާޅުވީ، އެފަދަ ކަމަކަށް އޭޑީކޭ ހޮސްޕިޓަލުން އިސްނެގީ، އުމުރުން ދުވަސްވީ ބޭފުޅުންނަށް ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނަކަށް ވަޑައިގަތް ހިދުމަތް ހޯއްދެއްވުމަކީ ވަރަށް ދަތި ކަމަކަށް ވެފައި، އެފަދަ ބޭފުޅުންނަށް ސިއްހީ ފަރުވާ ލިބޭ މިންވަރު ވެސް މަދު ވުމުން ކަމަށެވެ.

އެގޮތުން އޮސްޓްރޭލިއާ އަދި ސިންގަޕޫރުގައި އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ ގޮތް ބަލައި ތަޖުރިބާ ކުރުމަށްފަހު ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ބައްޓަން ކޮށްފައިވާ ނިޒާމެއްގެ ދަށުން އެ ހިދުމަތް ދެއްވާނީ އޭޑީކޭގައި މިވަގުތު ހުންނެވި ފެމިލީ މެޑިސިން ސްޕެޝަލިސްޓެއްގެ ބެއްލެވުމުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭޑީކޭ އެެޓް ހޯމް" ތައާރަފްކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސްކުޅިންނަށް ހާއްސަކޮށް އޭޑީކޭއިން ފެށި އެ ހިދުމަތުގައި ފުރަތަމަ ޖެހޭނީ ރެޖިސްޓްރީ ކުރާށެވެ. އެއަށްފަހު މެޑިކަލް ޗެކްއަޕެއް ހަދައި، އެމީހެއްގެ ބަލި ހާލަތު ވަޒަން ކުރެވޭނެ އެވެ. އަދި ރިޕޯޓްތަކަށް ބެލުމަށްފަހު އެމީހެއްގެ ހުރި ބަލިމަޑުކަމާއި ފަރުވާ ބޭނުންވާ މިންވަރު ބެލުމަށްފަހު، ހިދުމަތަށް ކަނޑައަޅާފައިވާ ޕެކޭޖެއްގެ ތެރެއިން ޕެކޭޖެއް ހިޔާރު ކުރުމަށް އޭޑީކޭގެ ޓީމުން ލަފާ ދޭނެ އެވެ.

އެގޮތުން ތިން ޕެކޭޖެއް ވަނީ ކަނޑައަޅައިފައެވެ. އެ ތިން ޕެކޭޖަކީ:

ގްރީން (ފެހި) ޕެކޭޖް:

  • މި ޕެކޭޖް ހިޔާރު ކުރުމަށް އޭޑީކޭ ޓީމުން ލަފާ ދޭނީ މަދުން ފަރުވާ ބޭނުންވާ އުމުރުން ދުވަސްވީ މީހުންނަށެވެ. ނަމަވެސް ކޮންމެ މަހަކު ވެސް ތާވަލާ އެއްގޮތަށް އޭޑީކޭ ޑޮކްޓަރުންގެ ޓީމުން ޒިޔާރަތްކޮށް ބަލި ހާލަތު ބަލަމުން ގެންދާނެ އެވެ.

  • ރެޖިސްޓްރޭޝަން ފީ: 4500 ރުފިޔާ
  • މަހު ފީ: 900 ރުފިޔާ

ޔެލޯ (ރީންދޫ) ޕެކޭޖް

  • މި ޕެކޭޖް ހާއްސަ ކޮށްފައިވަނީ ތަންކޮޅެއް ގިނައިން ފަރުވާ ބޭނުންވާ އުމުރުން ދުވަސްވީ މީހުންނަށެވެ.

  • ރެޖިސްޓްރޭޝަން ފީ: 4000 ރުފިޔާ
  • މަހު ފީ: 1200 ރުފިޔާ

ރެޑް (ރަތް) ޕެކޭޖް

  • މި ޕެކޭޖް ހާއްސަ ކޮށްފައިވަނީ ވަރަށް ބަލިކޮށް އުޅޭ އުމުރުން ދުވަސްވީ މީހުންނަށެވެ.

  • ރެޖިސްޓްރޭޝަން ފީ: 3500 ރުފިޔާ
  • މަހު ފީ: 1500 ރުފިޔާ

އައްފާލު ވިދާޅުވީ، އެހެން ހޮސްޕިޓަލު ތަކުން ގޭގެއަށް ގޮސް ދޭ ހިދުމަތްތަކާ ހިލާފަށް، އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތުގައި ރަޖިސްޓްރީވެ ޕެކޭޖެއް ނެގުމުން، އެމީހަކަށް ހިދުމަތް ލިބިގެންދާނީ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ބަލި މީހެއްގެ ގޮތުގައި ކަމަށެވެ.

"ޕެކެޖެއް ނެންގެވުމަށްފަހު ހޮސްޕިޓަލުގައި އެޑްމިޓްވުން ކަހަލަ ގޮތަކަށް މިވަނީ. އެހިސާބުން މިވާ ގޮތަކީ ބަލި މީހާއަށް ދޭންޖެހޭ ހިދުމަތްތައް އަޅުގަނޑުމެން މި ދޭންޖެހެނީ. މާނައަކީ ދެން އޮންނަ ވިޒިޓަކަށް ވެސް، ޕެކޭޖުގައި ބައިވެރިވާ ބޭފުޅަކު ގުޅުއްވާކަށް ނުޖެހޭނެ. އަޅުގަނޑުމެން އޮންނާނީ އެ އޮންނަ ނިޒާމެއްގެ ތެރެއިން އާއިލާއާ ވެސް ގުޅިގެން ކަނޑައެޅޭ ގަޑިތަކެއްގައި އެ އޮންނަ ގަޑިތަކެއްގައި ގޮސް ފަރުވާ ކޮށްދިނުން،" އައްފާލު ވިދާޅުވި އެވެ.

އޭގެ އިތުރުން އުމުރުން ދުސްވީ މީހާއަށް އިތުރު ހާއްސަ ސިއްހީ ހިދުމަތެއް ބޭނުންވެއްޖެނަމަ، އޭޑީކޭ ހޮސްޕިޓަލުގައި ތިއްބަވާ އެކަމަށް ހާއްސަ ޑޮކްޓަރުންގެ މަޝްވަރާގެ މަތީން، ފަރުވާ ދެއްވަން ގެއަށް ދާ ފެމިލީ ޑޮކްޓަރު ފަރުވާ ދެއްވާނެ އެވެ.

"އޭޑީކޭ އެެޓް ހޯމް" ތައާރަފްކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން، ފަރުވާ ދިނުމަށް ޑޮކްޓަރުންގެ ޓީމުން އާއިލާއަށް ލަފާ އަރުވައި، އެކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އައްފާލު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު ދޭ ބައެއް ހިދުމަތްތަކަށް އަގު ނެގިގެންދާނެ ކަމަށެވެ.

"ޕެކޭޖުގެ ދަށުން އީސީޖީ ފަދަ އެއްޗެހި ނެގުމާކަންކަން ވެސް ކުރެވޭނެ. އެކަހަލަ ޕޯޓަބަލް މެޝިނަރީ މި ހިދުމަތަށް ހާއްސަކޮށްގެން ހޯދާފައި ހުންނާނީ. އެފަދަ ތަކެތި ހިފައިގެން އަޅުގަނޑުމެންގެ ޓީމު ގޭގެއަށް ޒިޔާރަތް ކުރާނީ. އެގޮތުން ބައެއްކަހަލަ ލެބޯޓަރީ ޓެސްޓުތަކަށް ލޭ ނެގި ޔޫރިން ނެގި އެކަހަލަ ކަންކަން ޕެކޭޖުގެ ތެރެއިން ނެގިގެންދާނެ،" އައްފާލު ވިދާޅުވި އެވެ.

އޭޑީކޭ އިން މިއަދު ތައާރަފްކުރި ހިދުމަތަށް އާސަންދައެއް ނުލިބޭނެ އެވެ. ނަމަވެސް އައްފާލު ވިދާޅުވީ، އިންޝުއަރެންސް ކުންފުނިތަކާ ވާހަކަދައްކައިގެން އެ ހިދުމަތް ކަވަރު ކުރެވޭނެތޯ ބަލަމުންދާ ކަމަށާއި އުއްމީދަކީ ވެސް އިންޝުއަރެންސް ކުންފުނިތަކުން އެކަމަށް އެއްބާރުލުން ދިނުން ކަމަށެވެ.