09 Apr 2018, 14:37
ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ޤުރުއާން މުބާރާތުގައި ރާއްޖެ ތަފްސީލު ކުރާނެ މީހުން ހޮވުމަށް ބާއްވާ ތަޞްފިޔާގައި ބައިވެރިވާން ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، "އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ އެ މުބާރާތް އޮންނާނީ އަންނަ މަހުގެ 11 އިން 17 އަށެވެ. މިއީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން ބާއްވާ މުބާރާތަކެވެ.
ކީރިތި ޤުރުއާނާބެހޭ މަރުކަޒުން މިއަދު ބުނީ، އެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ މީހަކު ހޮވުމަށްޓަކައި ބާއްވާ "ތަޞްފިޔާ"އެއް އަންނަ މަހުގެ އެއްވަނަ ދުވަހު އޮންނާނެ ކަމަށެވެ. "ތަޞްފިޔާ" އަކީ މުބާރާތެއްގައި ބައިވެރިވާ މީހަކު ހޮވަން ބާއްވާ ކަމެކެވެ.
އަދި އެކަމުގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ މަރުކަޒަށް އައިޑީކާޑު ކޮޕީ އަކާއި ލިޔުމަކުން ހުށަހެޅުމަށް އެދޭ ކަމަށް ވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެ އެވެ.
ހަމައެކަނި ޝަރުތަކަށް ވާންޖެހެނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަވަން އެނގޭ މީހަކަށް ވުމެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ޤުރުއާން މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، މުބާރާތުގައި ބައިވެރިވާނީ 11 ގައުމަކުން ކަމަށާއި އަދި އެ ގައުމުތަކަށް ދައުވަތު ފޮނުވަމުންދާ ކަމަށެވެ.
މިސްރު، ސައުދީ އަރަބިއާ، ޕާކިސްތާން އަދި ރާއްޖޭގެ ފަނޑިޔާރުން ހިމެނޭ ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލަކުން ފަނޑިޔާރުކަން ކުރާ އެ މުބާރާތުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ 30،000 ޑޮލަރެވެ.
ދެވަނަ އަށް 15،000 ޑޮލަރު އަދި ތިންވަނަ އަށް 5000 ޑޮލަރު ހުށަހަޅައިފައިވާއިރު، މުބާރާތުގައި ރައީސްގެ ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމައިފައެވެ.