ސާކް ސަމިޓަށް ސިފައިންގެ ބޮޑީގާޑު ޓްރެއިނިން ހަދަމުން ދަނިކޮށް ބޮލަށް ވަޒަނެއް އަރައިގެން މިއަދު ހެނދުނު ލ. ކައްދޫގައި މަރުވި ރ. އަލިފުށީ ސަބާނާ، އިބްރާހިމް ޝައުކަތު ރަސްމީ އިއްޒަތުގައި އަލިފުށީގައި ވަޅުލައިފި އެވެ.

ކޯޕްރަލް ޝައުކަތުގެ ޖަނާޒާ އޮތީ މިރޭ ތަރާވީސް ނަމާދަށް ފަހު އެވެ.

އެމްއެންޑީއެފުން ޝައުކަތުގެ ޖަނާޒާ ބޭއްވީ ރަސްމީ އިއްޒަތުގެ ދެ ވަނަ ދަރަޖާގަ އެވެ. އޭނާގެ ޝަރަފުގައި ހަތްބަޑީގެ ސަލާމެއް ވެސް އެރުވި އެވެ.

އެމްއެންޑީއެފްގެ އިސްބޭފުޅުންނާއި އަތޮޅުގެ އިއްޒަތްތެރިން ވެސް ޖަނާޒާގައި ބައިވެރިވި އެވެ.

ސާކް ސަމިޓަށް ބޮޑީ ގާޑް ޓްރޭންނިން ހަދަމުން ދަނިކޮށް ބޮލަށް ވަޒަން އަރައިގެން މަރުވި ޝައުކަތު ކަފުން ކުރިއިރު ވެސް ޒަހަމުން ލޭމަނާ ނުވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އޭނާގެ ނިއްކުރި މަތިން ވަން ވަޒަން ނުކުމެފައިވަނީ ބޮލުގެ ފުއްކިބައިންނެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޝައުކަތު މަރުވެފައި ވަނީ ތަމްރީން ނިންމުމަށް ފަހު، ބަޑި ސާފުކުރުމުގެ ތެރޭގައި "ނިގުލިޖެންސް ޑިސްޗާޖެއް" ތެރޭގަ އެވެ. ނަމަވެސް ސިފައިން އެކަމާ ބެހޭ ގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އޭނާ ކަފުން ކުރުމުގެ ކުރިން އާއިލާގެ ފަރާތްތައް ފިޔަވައި އެހެން ބަޔަކަށް ނުދައްކަ އެވެ. ޝައުކަތުގެ މޫނު ބަލަން ގިނަ ބަޔަކު ދިޔަ އެވެ.

ޝައުކަތު މަރުވިއިރު ފަސް އަހަރުގެ އަންހެން ދަރިއަކު އެބަހުއްޓެވެ. އަދި އޭނާގެ ކުއްލި މަރާ ގުޅިގެން މުޅި އާއިލާ އަށް ވަނީ ފުން ހިތާމައެއްގެ ތެރޭގަ އެވެ.

އެމްއެންޑީއެފުން ގެންދަނީ ޝައުކަތުގެ މަރު ތަހުގީގުކުރަމުންނެވެ.