ރާއްޖޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އެމްބަސީއެއް ހުޅުވަން އެގައުމުގެ ކެބިނެޓުން ހުއްދަ ދީފި އެވެ.

ޔޫއޭއީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ވެރިރަށް މާލޭގައި އެގައުމުގެ އެމްބަސީއެއް ހުޅުވުމުގެ ހުއްދަ ދީފައި ވަނީ، ޔޫއޭއީގެ ބޮޑުވަޒީރު އަދި ނައިބް ރައީސްގެ އިތުރުން ދުބާއީގެ ވެރިޔާ ޝެއިހް މުހައްމަދު ބިން ރާޝިދް އަލް މަކްތޫމް އިއްޔެ ބޭއްވެވި ކެބިނެޓް ބައްދަލުވުމުގަ އެވެ.

ނަމަވެސް އެތަން ހުޅުވާނީ ކޮންތަނަކު ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

ރާއްޖޭގައި އުފައްދާ ޔޫއޭއީގެ އެމްބަސީ ވެގެންދާނީ ރާއްޖޭގައި ހުޅުވާ ބޭރު ގައުމެއްގެ ހަތް ވަނަ އެމްބަސީއަށެވެ. އަދި ޔޫއޭއީ ވާނީ މެދު އިރުމަތީގެ ގައުމަކުން ރާއްޖޭގައި އެމްބަސީއެއް ހުޅުވާ ދެ ވަނަ ގައުމަށެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއާގެ އެމްބަސީއެއް މިހާރު ވެސް މާލޭގައި ހުރެ އެވެ.

ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވާ އިރު، ރާއްޖޭގެ އެމްބަސީއެއް ޔޫއޭއީގައި ހުރެ އެވެ. އެ އެމްބަސީ ހުޅުވާފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ.