09 Apr 2018, 12:54
އެސްޓީއޯ މާލޭ ލީގުގެ ފަސް ވަނަ ހަފްތާގެ ކުޅުން ނިމިފައިވާ އިރު، ވިކްޓަރީ ސްޕޯޓްސް ކްލަބު ވަނީ ކްލަބު ގްރީން ސްޓްރީޓްސްގެ މައްޗަށް މުހިންމު މޮޅެއް ހޯދައިފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ގްރީން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ފަހަތުން އަރައި ވިކްޓަރީ މޮޅުވެފައިވާ އިރު، ރެފްރީގެ ނިންމުންތަކާ މެދު ގްރީންގެ ސަޕޯޓަރުންނާއި ކުޅުންތެރިންވެސް ވަރަށް ބޮޑަށް ފާޑުކީ މަންޒަރު ފެނިފައިވެއެވެ.
ހާއްސަކޮށް މެޗަށްފަހު ގްރީން ޓީމުގެ އޮފިޝަލުންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މެޗު އޮފިޝަލަށް ފާޑުކިޔައިފައެވެ. ގްރީންއިން މިސީޒަންގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހި ގިނަ ސަޕޯޓަރުންގެ ފަރާތުން ރެފްރީއަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދިންތަން ފެނިފައިވެއެވެ.
އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މި ހަފްތާގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ ރެފްރީ ފަހަތުން ދުވެގެން ވާނެ ކަމެއް ނޯންނާނެ ކަމަށާއި، ރެފްރީއަށްވުރެ ބޮޑަށް ކުޅުމަށް ފޯކަސް ކުރިނަމަ ނަތީޖާ ރަނގަޅުވީސް ކަމަށެވެ.
"ރެފްރީ ފަހަތުން ދުވެގެން މިކަމެއް ނުކުރެވޭނެ. އެހާ މެޗުއާ ކުޅުންތެރިން ތިބި އިރު ވިސްނަން ޖެހޭނެ ރެފްރީ ފަހަތުން ދުވެެގެން ކޮން ނިންމުމެއް، ކޮންތާކުތޯ ބަދަލުވެފައި އޮތީ. އެހެން ނޫނަސް ކުޅުމަށް ކޮންސަންޓްރޭޓް ކުރިނަމަ ގްރީންއަށް މިއަދު ފައިދާ ބޮޑުވީސް،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މެޗުގައި ގްރީންއަށް އޭނާ ބޭނުންވި ފެންވަރަށް ނުކުޅެވުނު ކަމަށާއި، ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް ޓީމުގެ ކޮންފިޑެންސް ގެއްލުނީ ވަން ގޯލެއްގެ ސަބަބުން ކަމަށެވެ.
ސޮބުލް އިލިއާގެ ހިލޭ ޖެހުމަކުން ލީޑު ނަގައިގެން ގްރީނުން ކުޅެމުން ދަނިކޮށް، ވިކްޓަރީންވެސް ނަތީޖާ ހަމަހަމަކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. އެންހާލް ކަރެސްކޯ މުނޯޒް ފޮނުވާލި ހިލޭ ޖެހުން ގޯލް ތެރެއަށް ވަދެފައިވަނީ ގްރީންގެ ކީޕަރު އަތު ތެރެއިން ކައްސާލައިގެން ގޮހެވެ.
ސުޒޭން ބުނެފައިވަނީ ކީޕަރެއްގެ ފަރާތުން އެކަހަލަ ގޯހެއް ފެނިދާނެ ކަމަށާއި، އެކަމަކުވެސް އެ ގޯލް ވަނުމުން ޓީމުގެ ކޮންފިޑެންސަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ.
ފަހަތުން އަރައި ހޯދި މޮޅާ ގުޅިގެން ވިކްޓަރީގެ ކޯޗު، ލާޒްލޯ ކިސް ބުނީ ޓީމުން ކުރި ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. މެޗުގެ 70 ވަނަ މިނެޓާ ހަމައަށްވެސް ކުޅުނީ ގްރީން ނަމަވެސް ލިބުނު މޮޅަކީ މުހިންމު މޮޅެއް ކަމަށްވެސް ކިސް ފާހަގަކުރިއެވެ.
އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މާލޭ ލީގުގެ ކުޅުން ދެން އޮންނާނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހުގައެވެ. އަންނަ ހަފްތާގައި ގްރީނުން ނުކުންނަން ޖެހޭނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ވިކްޓަރީން ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.