ބުދާޕެސްޓް (އޭޕްރިލް 9): ހަންގޭރީގެ އާއްމު އިންތިހާބުގައި އެގައުމުގެ ވެރިކަން ކުރާ ފިޑޭޒް ޕާޓީން މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރުމާ އެކު ބޮޑުވަޒީރު ވިކްޓާ އޯބާން ތިން ވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ.

ހަންގޭރީގެ ނެޝަނަލް އިލެކްޝަން އޮފީހުން ބުނި ގޮތުގައި އިއްޔެ ބޭއްވި އިންތިހާބުގައި ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވޯޓު ކާމިޔާބުކޮށްފައި ވަނީ ފިޑޭޒް ޕާޓީންނެވެ. އެހެންކަމުން އެ ޕާޓީއަށް މަޖިލީހުގެ ތިން ބައިކުޅަ ދެބައި ގޮނޑި ލިބޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ އިންތިހާބުގައި ހަންގޭރީގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 68.8 މީހުން ބައިވެރިވި ކަމަށް އިލެކްޝަން އޮފީހުން ބުންޏެވެ. އެއީ 2014 ވަނަ އަހަރު ބޭއްވި އާއްމު އިންތިހާބުގައި ވޯޓު ދިން މީހުންނަށް ވުރެ ހަތް ޕަސެންޓު އިތުރު އަދަދެކެވެ.

ފިޑޭޒް ޕާޓީއާ އެންމެ ގާތުން ވާދަ ކުރީ ޖޮބިކް ޕާޓީންނެވެ. އެޕާޓީއަށް ލިބުނީ 20 ޕަސެންޓު ވޯޓެވެ. އަދި 12 ޕަސެންޓު ވޯޓާ އެކު އިންތިހާބުގެ ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ހަންގޭރިއަން ޝޯޝަލިސްޓް ޕާޓީއަށެވެ.

ހަންގޭރީގެ އާއްމު އިންތިހާބުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ބަހުސްކޮށްފައި ވަނީ އިމިގްރޭޝަނާ ބެހޭ ގޮތުންނެވެ. އަދި ކަނާތު ފިޔައިގެ ފިޑޭޒް ޕާޓީން ވަނީ ގައުމުގެ ބޯޑަރުތައް ވަރުގަދަ ކުރުމަށާއި މުސްލިމުން އެގައުމަށް ދިޔުން ހުއްޓުވުމަށް ވައުދުވެފަ އެވެ.

އެއިންތިހާބު ކާމިޔާބުވިކަން ޔަގީންވުމުން އޯބާން ވަނީ އޭނާ ތިން ވަނަ ދައުރަކަށް އިންތިހާބު ވުމުން "ހަންގޭރީގެ ރައްޔިތުންނަށް އަމިއްލަ ނަފްސާއި ގައުމު ރައްކާތެރި ކުރަން ފުރުސަތު ލިބިފައިވާ" ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)