ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގް ސްކޫލުގައި ތަމްރީނު ހަދަމުންދަނިކޮށް ރޭ މަރުވި އަހްމަދު ވިފާގްގެ ސިއްހީ ހާލަތު ގޯސްވެ އޭނާ ހޭނެތިގެން ވެއްޓުނީ ޑްރިލް ކްލާހުގައި ހުއްޓައި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ވިފާގް ބަލިވެގެން ދ. އަތޮޅުގެ ވެރިރަށް ކުޑަހުވަދުއަށް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ހޭނެތުނީ އިއްޔެ މެންދުރުގެ ވަގުތެއްގައިކަން ވަނީ އެނގިފަ އެވެ.

ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ވިފާގަށް ފަރުވާދޭން ފެށި އިރު ވެސް އޭނާގެ ހޭވެރިކަން ނެތް ކަމަށް އާއިލާއިން ބުނެ އެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލުން ބެލުމަށް ފަހު އޭނާގެ ސިކުނޑިއަށް އިންފެކްޝަނެއް ޖެހިފައިވާ ކަމަށް ބުންޏެވެ.

އާއިލާ އިން ބުނީ ކުޑަހުވަދޫ ހޮސްޕިޓަލުން ލަފާ ދިނީ ވިފާގް ވީހާ ވެސް އަވަހަކަށް މާލެ ގެންދިޔުމަށް ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ރޭ ވިދާޅުވީ ވިފާގް މަރުވެފައި ވަނީ ރޭ 11:48 އެހާކަންހާ އިރު ކަމަށެވެ. އޭނާ މަރުވީ މާލެ ގެނައުމުގެ މަގުމަތީގައި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އާއިލާއިން މިހެން ބުނެފައިވާ އިރު، ދ. ވާނީގައި މަސައްކަތްކުރާ ބައެއް ފުލުހުން މިއަދު 'ސަން'އަށް ބުނީ ވިފާގުގެ ބަލި ހާލަތު އިތުރަށް ގޯސްވީ ޑްރިލް ކްލާސް ނިންމާލުމަށްފަހު ބެރެކްސްއަށް ދިޔަ މަގުމަތީގައި ކަމަށެވެ. ނަމަވެސް ފުލުހުން ރަސްމީކޮށް އެކަން ކަށަވަރެއް ނުކޮށްދެއެވެ.

ވިފާގްގެ ހަށިގަނޑު ރޭ މާލެ ގެނެސްފައި ވަނީ 12:15 އެހާއިރު އެވެ. އޭނާގެ ހަށިގަނޑު އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗު ހޮސްޕިޓަލަށެވެ.

ވިފާގްގެ ކުއްލި މަރާ ގުޅޭ ގޮތުން އަދި ފުލުހުން ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.

ވިފާގްގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އެވެ.