ބައިކް މޯލްޑިވްސްއަކީ އާއްމުވަނުން އަންނަ ނަމެކެވެ. ވޮލެންޓްރީ ސާވިސްގެ އިނީޝިއޭޓިވްއެކެވެ. ގައުމީ ވަތަނީ، އަދި އިޖުތިމާއީ ހުރިހާ ކަމެއްގެވެސް ބައިވެރިއެކެވެ. ރާއްޖޭގެ އެތަކެއް އިވެންޓްތަކެއްގައި ބައިކް މޯލްޑިވްސްގެ ހަރަކާތްތައް ފެނިފައިވާ އިރު، ބައިކް މޯލްޑިވްސްގެ ހަރަކާތްތަކަށް އެތައް ބަޔަކު ތަރުހީބު ދެމުން ދެއެވެ.

ބައިސްކަލުތަކެއްގެ އެހީގައި ބައިކް މޯލްޑިވްސްއިން ދެނީ ގިނަ މެސެޖުތަކެކެވެ. ތިމާވެއްޓާ ރައްޓެހި ވައްޓަފާޅިއެއް ގެންގުޅުމުގެ އިތުރުން، އެންމެން ބައިވެރި ކުރުމެވެ. އިޖުތިމާއީ އަދި ވަތަނީ ރޫހުގެ މުހިއްމު ކަމެވެ. އަގަކާ ނުލާ އެގުހުރި މަސައްކަތްތަކެއް ކޮށްދެވަމަކީ މައިގަނޑު މައްސޫލިއްޔަތު ކަމަށް ދެކިގެން ކުރާ މަސައްކަތް އެތަކެއް ބަޔަކު ބަލައިގެންފިއެވެ.

ބައިކް މޯލްޑިވްސްއިން ލަންކާގައި ކުރިއަށް ގެންދިޔަ ޓުއާގެ ތެރެއިން ---

ބައިކް މޯލްޑިވްސްގެ ޓީމު ފުރަތަމަ ފަހަރަށް ރާއްޖޭގެ އަސްދަޑިން ބޭރަށް ދިޔައީ މިދިޔަ މަހު ފަހުކޮޅުގައެވެ. އަވަށްޓެރި ސްރީލަންކާއަށް ބައިކް މޯލްޑިވްސްގެ ޓީމު ކުރި ދަތުރަކީ އެތަކެއް ގިނަ ތަޖުރިބާތަކެކެވެ. އަންހެން 13 ބައިވެރިންނާއި ފިރިހެން ހަ ބައިވެރިންގެ އިތުރުން ކުޑަ ދެ ކުދިންނާއެކު ބައިކް މޯލްޑިވްސްއިން ލަންކާގެ ޓުއާ ފެށީ މިދިޔަ މަހު 29 ވަނަ ދުވަހުގައެވެ.

ހާއްސަ ޓުއާ ގައިޑެއްގެ ދަށުން ޓީމުގެ ހުރިހާ ބައިވެރިންވެސް ފުރަތަމަ ބަހުގައި ދަތުރު ކުރީ ކިކަވަރަރަޓިޔައަށެވެ. ބައިކް ޓުއާގެ ހަރަކާތްތައް ފެށީ 30 ވަނަ ދުވަހުއެވެ. ކިކަވަރަރަޓިޔައަ ސަރަހައްދުން ބައިސްކަލް ދުއްވާފައި ހުރިހާ ބައިވެރިންވެސް މިސްރާބު ޖެހީ 28 ކިލޯ މީޓަރު ދުރުގައި އޮންނަ ޔަޕާހުވާ އަވަށަށެވެ. ތާރީހީ އެ އަވަށުން، ބައިކް މޯލްޑިވްސްގެ ހުރިހާ ބައިވެރިންވެސް ދުއްވީ މައްޗަށް އޮންނަ މަގެއްގައެވެ. އުނދަގޫ މަގުގައި ދުއްވުމަށްފަހު "ޔަޕާހުވާ ރޮކް"އާ ހަމައަށް ޓުއާގެ ބައިވެރިން ގޮސްފައިވާ އިރު، އެ "ރޮކަކީ" ބިމުން މައްޗަށް 192 މީޓަރު އުހުގައި އިންނަ ގަލެކެވެ.

ބައިކް މޯލްޑިވްސްއިން ލަންކާގައި ކުރިއަށް ގެންދިޔަ ޓުއާގެ ތެރެއިން ---

ޔަފާހުވާއިން ކިކަވަރަރަޓިޔައަށް ޓުއާގެ ހުރިހާ ބައިވެރިން ތިރިއަށް ދުއްވައިފައިވާ އިރު، އެއީވެސް ފަސޭހަ ކަމަކަށް ނުވިއެވެ.

ޓުއާގެ ފުރަތަމަ ދުވަހާ ގުޅިގެން ބައިކް މޯލްޑިވްސްގެ ވައިސް ޗެއާ ޕާސަން މޫމިނާ މުހައްމަދު "ސަން ސްޕޯޓްސް"އަށް ބުނެފައިވަނީ ލަންކާގައި ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

"އަސްލު ތަފާތު ތަޖުރިބާއަކަށްވީ މައްޗަށް އަރާ ތިރިއަށް ފައިބަން ޖެހުމުން. އެކަހަލަ މަގުތަކަކު ނޫން ރާއްޖޭގައި މި ދުއްވަނީ. ގިޔަރު ބަދަލުކޮށް ކަންކަން ކުރާކަށް ނުޖެހޭ ރާއްޖޭގެ މަގުތަކުގައި ޓުއާތަށް ދޭ އިރު. ލަންކާގެ މަގުތަކުގައި ދުއްވި އިރު، ޖެހޭ ގިޔަރު ބަދަލުކުރަންވެސް. ވަރަށް ކާމިޔާބުކޮށް ޓުއާ ނިންމާލެވުނީ ހުރިހާ ބައިވެރިންވެސް އިރުޝާދުތަކާއެކު މަސައްކަތް ކުރުމުން،" މޫމިނާ ވިދާޅުވިއެވެ.

ޓުއާގެ ބައިވެރިން ފުރަތަމަ ދުވަސް ނިންމާލީ ކޮބިއެގާނާގައި 15 ކިލޯ މީޓަރުގެ އޮފް ރޯޑު ދުއްވުމަކަށް ފަހުގައެވެ.

ބައިކް މޯލްޑިވްސްއިން ލަންކާގައި ކުރިއަށް ގެންދިޔަ ޓުއާގެ ތެރެއިން ---

ދެވަނަ ދުވަހުގެ ޓުއާވެސް ފެށީ ބަސް ދަތުރަކާ އެކުގައެވެ. ކެޔުންވެސް އެކުގައި ކުރިއަށް ގެންދަމުން މަޖާ މާހައުލެއްގައި ޓުއާގެ ހުރިހާ ބައިވެރިންވެސް ހަރަކާތްތެރިވެފައިވާ އިރު، ދެވަނަ ދުވަހުގެ ބައިކް ޓުއާ ފެށީ ޕަންޑުވަސްނުވަރަ އިންނެވެ. ޓުއާގެ ހުރިހާ ބައިވެރިންވެސް 15 ކިލޯ މީޓަރުގެ ދަތުރެއްގައި ތިރިއަށް ދަތުރު ކޮށްފައިވާ އިރު، ޓުއާ ނިންމާލީ ދެ ދުވަސް ތެރޭގައި ޖުމްލަ 88 ކިލޯ މީޓަރުގެ ދިގު ދުއްވުންތަކަކާއެކުގައެވެ.

ޓުއާ ނިންމާލުމުގެ ގޮތުން ހާއްސަ ކެއުމަކާއެކު، އެކުވެރި މާހައުލެއްގައި އެންމެވެސް މަޖާކޮށްލި އިރު، ޓުއާގައި ބައިވެރިވި އެންމެ ދޮށީ މީހާ އަދި އެންމެ ކުޑަ ކުއްޖާއަށްވެސް ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. ޓުއާގައި ބައިވެރިވި އެންމެ ދޮށީ މީހާއަކީ 86 އަހަރުގެ ހަސަން ދީދީ އަދި އުމުރުން އެންމެ ހަގު ކުއްޖަކީ ހަތް އަހަރުގެ މުހައްމަދު ބިން އަބްދުﷲ ސައީދެވެ.

ލަންކާ ދަތުރުގެ ތަޖުރިބާއާ ގުޅިގެން މޫމިނާ އިތުރަށް ވިދާޅުވީ އެ ދަތުރަކީ ބައިކް މޯލްޑިވްސްގެ ބައިނަލްއަގުވާމީ ފުރަތަމަ ދަތުރު ކަމަށާއި، އެކުވެރި މަޖާ މާހައުލެއްގައި ހުރިހާ ބައިވެރިންނަށްވެސް ލިބުނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

ބައިކް މޯލްޑިވްސް އިން ބުނީ މީގެއިތުރުންވެސް ބައިނަލްއަގުވާމީ ޓުއާތައް ކުރިއަށްރޭވިފައިވާ ކަމަށެވެ.