09 Apr 2018, 12:00
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް އަޅާ ރަންވޭ އެޅުމަށް ބޭނުންވާ ތިން ތާރު ފަށަލައިގެ ތެރެއިން ރަންވޭގެ އުތުރުގައި އަޅާ ފުރަތަމަ ތާރު ފަށަލަ އަޅައި ނިންމާލައިފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖާ ހަސަން އަރީފް މިއަދު ވިދާޅުވީ، ރަންވޭގެ އުތުރުގައި 2000 މީޓަރުގެ ތާރު ފަށަލައިގެ ފުރަތަމަ ބައި އަޅާ ނިމިފައިވާ ކަމަށާއި ދެން ހުރި ފަށަލަތައް އެޅުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އަދި އިތުރު ދެ ލޭޔަރު އަޅާނެ އެވެ.
އާ ރަންވޭގެ ތާރު އެޅުމުގެ އިތުރުން މިހާރުގެ ރަންވޭއާ ގުޅާލުމަށް ޕެރަލަލްކޮށް ޓެކްސީވޭ އާއި ޝޯލްޑާގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ހަސަން ވިދާޅުވި އެވެ.
ދުނިޔޭގައި ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާބޯޓް އޭ380 މަރުކާގެ މަތިންދާ ބޯޓު ވެސް ޖެއްސޭނެ ހެން ތަރައްގީކުރާ އައު ރަންވޭއަކީ، 3400 މީޓަރު ދިގު، 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެއީ ސަރުކާރުން ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.