09 Apr 2018, 10:09
ވޮޝިންޓަން (އެޕްރިލް 9): އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމުގެ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ އޮފިޝަލުން އެފަދައިން ބުނެފައި ވަނީ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަންނަ މަހު ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ.
އެބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ދެ ގައުމުގެ އޮފިޝަލުން ވަނީ ސިއްރު ބައްދަލުވުންތަކެއް ބާއްވާފައި ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބުންޏެވެ.
ލީޑަރު ކިމް ވަނީ މިދިޔަ މަހު ޗައިނާ އަށް ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފަ އެވެ. އަދި އުތުރު ކޮރެއާ އިން އޮތީ ވަކި ޝަރުތުތަކެއްގެ މަތިން އެ ގައުމުގެ ނިއުކްލިއާ ހަތިޔާރު ނައްތާލަން ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންއާ ލީޑަރު ކިމްގެ ބައްދަލުވުމެއް ވެސް މިމަސްތެރޭ ބާއްވާނެ ކަމަށް އެގައުމުން ބުނެ އެވެ. (ބީބީސީ)