14:30


ތައިލެންޑްގައި ކުރިއަށް ދިޔަ މުޒާހަރާއަށް ޚަރަދުކުރައްވައި ވިލަރެސް ކުރެއްވި ކަމުގެ ކުށުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ މައްޗަށް އެގައުމުގެ ސަރުކާރުން ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.


ތައިލެންޑްގެ ސަރުކާރުން ވަނީ ދެމަސްދުވަސް ވަންދެން ވެރިރަށް ބެންކޮކްގައި ކުރިއަށް ދިޔަ މުޒާހަރާގައި ކެމްބޯޑިއާއިން ހަތިޔާރާއި ހަނގުރާމަވެރިން ސްމަގްލް ކުރުމުގައި އިދިކޮޅު ފަރާތްތަކަށް ތަކްސިން އެހީތެރިވެދެއްވާފައިވާ ކަމަށާއި މުޒާހަރާތަކަށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޮލަރު އޭނާ ޚަރަދުކުރެއްވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މިތުހުމަތުތަކާ ގުޅިގެން ތައިލެންޑްގެ ކޯޓަކުން ވަނީ އޭނާ ހައްޔަރުކުރުމަށް އަމުރެއް ނެރެފަ އެވެ.


އެހެން ނަމަވެސް ތަކްސިން ވަނީ މިތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވެފައިވަނީ 'ރެޑް ޝަރޓްސް'އިން ހިންގި ހަމަނުޖެހުންތަކަށް އޭނާ ޚަރަދުނުކުރައްވާ ކަމަށާއި އޭނާ އަކީ އެއްވެސް ހާލެއްގައި ހަމަނުޖެހުމާއި މާރާމާރީ ހިންގުމަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.


އެހެން ނަމަވެސް ތައިލެންޑްގެ ސަރުކާރުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމެއް އަންނާނެ އެވެ.


ޚިޔާނާތުގެ މައްސަލައެއްގައި ދެއަހަރުގެ ޖަލުގެ ހުކުމަކުން ސަލާމަތްވެވަޑައިގަތުމަށްޓަކައި ރަށުން ބޭރުގައި ދިރިއުޅުއްވާ ތަކްސިން މިހާރު ހުންނެވީ މޮންޓެނީގްރޯގަ އެވެ. އަދި އޭނާ މިހާރު ވަނީ މޮންޓެނީގްރޯގެ ޕާސްޕޯޓް ހޯއްދަވައި އެގައުމުގެ ރައްޔިތަކަށް ވެވަޑައިގެންފަ އެވެ.