09 Apr 2018, 09:11
ޓީވީ ޗެނަލް ސްޓާ ޕްލަސް އިން ގެނެސްދިން މަޝްހޫރު ޝޯ "އިންޑިއާސް ނެކްސްޓް ސުޕަސްޓާ" ނަތާޝާ ބަރަދްވާޖް އާއި އަމަން ގަންޑޮތްރާ ކާމިޔާބުކޮށްފި އެވެ.
ޝޯ ގެނެސްދިން ޓީމުން ބުނީ އެ ބައިވެރިން ޝޯ ކާމިޔާބުކޮށްފައި ވަނީ ހަމައެކަނި ފައިނަލްގައި ދެއްކި ހުނަރަކުން ނޫން ކަމަށެވެ. އެ ދެތަރިންނަކީ ބުރަ މަސައްކަތްތަކެއްކޮށް ޝޯގެ އެހެން ބައިތަކުގައި ވެސް ރަނގަޅު ހުށައެޅުންތަކެއް ދައްކުވައިދީފައިވާ ދެ ބައިވެރިން ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ، ފިލްމު ކުޅުމުގެ ހުނަރު ހުރި ހުރިހާ އެންމެންނަށް އަމާޒުކޮށްގެން ބޭއްވި އެ ޝޯ ވެފައި ވަނީ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވި ޝޯ އަކަށެވެ.
ކުޅަދާނަ ޑައިރެކްޓަރު ކަރަން ޖޯހަރު އަދި ރޯހިތް ޝެޓީގެ ކުރިއަށް ހުރި ފިލްމުތަކުން ޝޯ ކާމިޔާބު ކުރި އެ ދެ ބައިވެރިންނަށް ފުރުސަތު ލިބިގެންދާނެ އެވެ. ބޮލީވުޑް އަށް އާ ތަރިން ވެއްދުމަށް ބޭއްވި އެ ޝޯ އަކީ ފިލްމު ކުޅުމުގެ ހުނަރު ގިނަ އަދަދެއްގެ ބައިވެރިން ފަރާތުން ފެނިގެންދިޔަ ޝޯ އެކެވެ.
މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓް ވަނީ އެ ޝޯގެ ބައިވެރިންނަށް އެކްޓުކުރުމާ ނެށުމުގެ ހުނަރު ދަސްކޮށްދިނުމުގައި އެހީތެރިވެފަ އެވެ.
މައުލޫމާތު: ޒޫމް