09 Apr 2018, 08:56
ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނުޝްކާ ޝަރްމާ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ކޮށްދެމުން އަންނަ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އޭނާއަށް ދާދާސާހެބް އެކްސެލެންސް އެވޯޑް ދިނުމަށް ނިންމައިފިއެވެ.
ފިލްމުތައް ޕްރޮޑިއުސް ވެސް ކުރަމުން އަންނަ ބަތަލާއަށް އެވޯޑް ދޭނެ ކަމަށް ފިލްމު ފައުންޑޭޝަނުން ވަނީ އިއުލާން ކޮށްފައެވެ.
މި މަހު 29ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އެވޯޑް ހަފްލާ އަކީ ގިނަ އަދަދެއްގެ ތަރިން ބައިވެރިވާނެ ހަފްލާ އެކެވެ.
އަނުޝްކާ އެންމެ ފުރަތަމަ ފިލްމު ޕްރޮޑިއުސް ކުރަން ފެށީ 2015 ވަނަ އަހަރުގައެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އަނުޝްކާ އެންމެ އަވަހަށް ދެން ފެނިގެންދާނީ އަންނަ ޖޫން މަހު ނެރޭ ސަންޖޭ ދަތުގެ ބައޮޕިކުންނެވެ.
އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކްލީން ސްލޭޓް ފިލްމްސް އިން ގެނެސްދިން ބިރުވެރި ފިލްމު "ޕަރީ" އިންނެވެ.
ދާދާސާހެބް އެވޯޑަކީ މުނިފޫހި ފިލުވުމުގެ ދާއިރާއިން އިންޑިއާގައި ދެވޭ އެންމެ ޝަފަރުވެރި އެއް އެވޯޑްކަން ފާހަގަކޮށްލެވެއެވެ.
މައުލޫމާތު: ހިންދުސްތާންޓައިމްސް