09 Apr 2018, 09:00
ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ އާ ފިލްމު "ޗޫޅިޔާން"ގައި ޓީވީ ބަތަލާއެއް ލީޑް ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
"ޗޫޅިޔާން"ގެ ލީޑުން ފެނިގެން ދާނީ، ޓީވީ ޗެނަލް ކަލާސްއިން ދެއްކި މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "މެރީ އާޝިގީ ތުމް ސޭ ހީ" ބަތަލާ ރާދިކާ މަދަން އެވެ.
އުމުރުން 22 އަހަރުގެ ރަދިކާ ވަނީ މިހާރު ފިލްމަށް ސޮއިވެސް ކޮށްފައެވެ.
"ފިލްމުން ދައްކުވައިދޭނެ ދެބައެއް. އަންހެން ކުއްޖަކު ކައިވެނީގެ ކުރިން ދިރިއުޅޭ އުޅުމާއި ކައިވެނީގެެ ފަހުން އޭނާގެ ދިރިއުޅުން ބަށްޓަން ކުރަން ޖެހޭ ގޮތް،" ޑައިރެކްޓަރު ބުންޏެވެ.
އާމިރް ހާންގެ "ޑަންގަލް"ގައި އޭނާގެ ދަރިއެއްގެ ރޯލް ކުޅުނު ސާނިޔާ މަލްއުތުރާ ވެސް ވަނީ މި ފިލްމަށް ސޮއިކޮށްފައެވެ.
މި މަހު ފަހުކޮޅު ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހުނު ނަމަވެސް ފިލްމު ރިލީޒްކުރާ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ފިލްމުގެ ބައެއް މަންޒަރުތައް މައުންޓް އަބޫގައި ވެސް ނަގަން ވަނީ ހަމަޖެހިފައެވެ.
ފަހަކަށް އައިސް ގިނަ އަދަދެއްގެ ޓީވީ ބަތަލާއިން އަންނަނީ ބޮލީވުޑަށް ތައާރަފް ވަމުންނެވެ.