09 Apr 2018, 14:50
2008 ވަނަ އަހަރު ޖެނެރަލް ހާޑްވެއާގެ ސާމާނުގެ ވިޔަފާރިން ފެށި ވެލިގާ ހާޑްވެއާރގެ ހިދުމަތަށް އިއްޔެއަށް މިވަނީ 10 އަހަރު ފުރިފައެވެ. ތަފާތު އެކި ޗެލެންޖުތަކާއި ކުރިމަތިލަމުން ވިޔަފާރި މިއަދު މިވަނީ ފުޅާވެ، ނަން ހިނގާ، މަޝްހޫރު އަދި އިތުބާރު ހިފޭ ވިޔަފާރިއަކަށް ބަދަލުވެފައެވެ. ހިންގުންތެރި ވެރިންނާއި އިތުބާރު ހިފޭ ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުމާ އެކުގައެވެ.
ވެލިގާއަކީ މިހާރު ރާއްޖޭގެ ހާޑްވެއާރ ވިޔަފާރިގެ މަތި ފަޑީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތަށް ބްރޭންޑްތަކެއްގެ އުފެއްދުންތަށް ރާއްޖެ އެތެރެކޮށް މަސައްކަތްތެރިންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. މިއަދު އެންމެންގެ އިތުބާރު ވެލިގާއަށް ލިބިފައި ވާއިރު، އެ އިތުބާރު ހޯދުމަށް ކުރި މަސައްކަތަކީ މިހާތަނަށް އެކުންފުނީގެ އެންމެ ބޮޑު ގޮންޖެހުމެވެ.

ވެލިގާ ހާޑްވެއާ -- ފޮޓޯ/ ވެލިގާ ހާޑްވެއާ
އަލަށް ކުންފުނި އުފެދިގެން އައި އިރު ކަސްޓަމަރުންގެ އިތުބާރާ ޔަގީންކަން ހޯދަން ކުރި ބުރަ މަސައްކަތާއި ދެމުން ގެންދިޔަ ހިދުމަތްތައް ރަނގަޅުވުމުގެ ނަތީޖާ މިއަދު ވަރަށް ފޮންޏެވެ.
"ފުރަތަމަ ފެށިގެން އައި އިރު ގިނަ ބަޔަކަށް ނޭގޭނެ ވެލިގާއެއް. ދެން އަދި ހާޑްވެއާ ސާމާނަކީ ކޮންމެ ކޮންމެ އެއްޗަކަށް މީހުން އިތުބާރު ކުރާނެ އެއްޗެއް ނޫން. ފަށައިގަނެގެން އައި އިރު މީހުން ބުނާނެ އަނެއްކާ ރަނގަޅު އެއްޗިސް ބާއޭވެސް. އެކަމަކު މިހާރު އެންމެންނަށްވެސް އެނގޭނެ ވެލިގާ ހާޑްވެއާއޭ ބުނެފިއްޔާ،" ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު އައްބާސް މުހައްމަދު ވިދާޅުވިއެވެ.
ޖުމްލަ އަށް މުވައްޒަފުންނާއެކު ހަމައެކަނި ޖެނެރަލް ހާޑްވެއާ ވިއްކަން ފެށި ނަމަވެސް މިހާރު 180 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުންނާއެކު ވެލިގާ ހާޑްވެއާއަކީ މިހާރު ދުނިޔޭގެ ގިނަ ބްރޭންޑްތަކެއް އެތެރެކޮށް ވިއްކާ ބައެކެވެ. ރާއްޖޭގެ ހާޑްވެއާގެ ދާއިރާއަށް އަމިއްލަ ބަދަލުތަކެއް ގެނެސް ވެލިގާ ހާޑްވެއާއިން ވަނީ އެ ދާއިރާ އިތުރަށް ފުރިހަމަ ކޮށްފައެވެ.
ވެލިގާ ހާޑްވެއާގެ މުވައްޒަފުން -- ފޮޓޯ/ ވެލިގާ ހާޑްވެއާ
"ހާޑްވެއާ އިންޑަސްޓްރީ ކޮންމެސް ވަރަކަށް މޮޑަނައިޒް ކުރެވިއްޖެ. އެންމެ ކުރީގައި އޮޕަރޭޓުކުރަމުން އައި ގޮތާބަލާފަ ވަރަށް ސާވިސް އޮރިއެންޓެޑް، ވަރަށް ކަސްޓަމާ ފްރެންޑްލީ އެންވާރަމަންޓަކަށް ބަދަލުކުރެވިއްޖެ. އެއީ ފިހާރަ ތެރޭގެ ޖާގަ، ކަސްޓަމަރުންނަށް ދޭ ހިދުމަތް ނުވަތަ ޕްރޮވައިޑްކުރާ ކޮލިޓީ އައިޓަމްތަކަށް ބެލިޔަސް ވަރަށް ބޮޑު ތަފާތެއް ގެނެވިއްޖެ،" އައްބާސް ވިދާޅުވިއެވެ.
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވެލިގާ ހާޑްވެއާއިން ދެމުން އައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މިހާތަނަށް ވަނީ ފަސް ފިހާރައެއް ހުޅުވާފައެވެ. އަދި މީގެ އިތުރުން ފާހާނާއާއި ގޭތެރެ ޑިޒައިންކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި ވަނީ ހާއްސަ ފިހާރައެއް "ބްލޮންކް"ގެ ނަމުގައި، މާލޭގެ ޖަނަވަރީމަގުގައިވެސް ހުޅުވާފައެވެ.

ފާހާނާއާއި ގޭތެރެ ޑިޒައިންކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި "ބްލޮންކް" -- ފޮޓޯ/ ވެލިގާ ހާޑްވެއާ
"މީގެ ދެތިން އަހަރު ކުރިން އަޅުގަނޑުމެން ހެދި ޕްލޭންއަކީ ކޮންސެޕްޓް ސްޓޯތަކެއް ވަކިން ހެދުން. އެގޮތުން ފުރަތަމަ ހެދިތަނަކީ ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ތަކެތި ހުންނަ ސްޓޯއެއް. ދެން އައިޑިއާއަކީ ހަމަ އެފަދައިން ހުރި ސްޕެޝަލް ނީޑްސްތަކަށް ވަކިން ކޭޓާ ކުރަން ވަކި ތަންތަން ހުޅުވުން،" އައްބާސް ވިދާޅުވިއެވެ.
ހާޑްވެއާ ސާމާނުގެ އިތުރުން އެހެން ދާއިރާއަކާ ދިމާލަށް އިންވެސްޓްކުރުމުގެ ވިސްނުން ވެލިގާ ހާޑްވެއާއިން ގެންގުޅުން ނަމަވެސް އެ ކުންފުނީގެ ފުރަތަމަ އަމާޒަކީ ހާޑްވެއާ ދާއިރާ މިހާރަށްވުރެ ފުރިހަމަކޮށް އެ ކުންފުނިން ހަދާފައިވާ ކޮންސެޕްޓާ އެއްގޮތަށް ހާޑްވެއާ ދާއިރާ ބައްޓަން ކުރުމެވެ.
ދިވެހިންނަކީ ފެންވަރު ރަނގަޅު އެއްޗިއްސަސް ޑިމާންޑްކުރާ ބައެއްކަމުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ކޮލިޓީ ރަނގަޅު އުފެއްދުންތައް ރާއްޖޭގެ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ ވެލިގާ ހާޑްވެއާގެ އެންމެބޮޑު އަމާޒެވެ.
ވެލިގާ ހާޑްވެއާ: -- ފޮޓޯ/ ވެލިގާ ހާޑްވެއާ
ކުންފުނިން ކާމިޔާބު 10 އަހަރު ފާހަގަކުރަނީ އެ އުފަލުގައި ކަސްޓަމަރުންވެސް ބައިވެރިކޮށްގެންނެވެ. ތަފާތު ޕްރޮމޯޝަންތަކާއި ޑިސްކައުންޓްތަށް ވެލިގާ ހާޑްވެއާގެ ކަސްޓަމަރުންނަށް ހުޅުވާލައި ހާޑްވެއާގެ ވިޔަތަފާރީގައި ކާމިޔާބު 10 އަހަރު އެކުންފުނިން ފާހަގަކުރަނީ ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކާމިޔާބީ އަދި ކަސްޓަމަރުންގެ އިތުބާރު ހޯދުމަށެވެ.