08 Apr 2018, 22:02
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އާސެނަލުން ސައުތުހެމްޓަން ބަލިކޮށްފިއެވެ.
އެމިރޭޓްސް ދަނޑުގައި މިރޭ ކުޅުނު މެޗުގައި އާސެނަލުން ސައުތު ހޭމްޓަންގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފަހު ވަގުތުގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ނުތަނަވަސް ކަމުގެ ތެރެއިން ސައުތުހެމްޓަންގެ ޖެކް ސްޓިފަންސް އަދި އާސެނަލްގެ މުހައްމަދު އެލް ނިނީއަށްވެސް ރެފްރީ ވަނީ ސީދާ ރަތްް ކާޑު ދައްކައިފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ލީޑު ނެގީ ސައުތުހެމްޓަންއިންނެވެ. އާސެނަލުން މެޗުގެ ކުރީ ކޮޅުގައި ދެ ހަމަލާއެއް އުފެއްދި ނަމަވެސް، ސައުތުހެމްޓަންގެ ފުރަތަމަ އެޓޭކްގައި ޝޭން ލޯންގް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.

އާސެނަލްއާއި ސައުތުހެމްޓަން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ލޯންގްގެ ގޯލަށްފަހުވެސް އެޓޭކް ވަރުގަދަކޮށް ފެނުނީ އާސެނަލްގެ ފަރާތުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ އާސެނަލުންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕިރޭ އެމެރިކް އަބަމަޔާންގްއެވެ. އަބަމަޔާންގެ ގޯލަށް 10 މިނެޓްވެސް ނުވަނީސް ޑެނީ ވެލްބެކްގެ ގޯލުން އާސެނަލްވަނީ ލީޑު ނަގައިފައެވެ.
އާސެނަލުން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލައިފައިވާ އިރު، ދެވަނަ ހާފަށް ނުކުމެ ސައުތުހެމްޓަންވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޗާލީ އޮސްޓަން ޖެހި ގޯލާއެކު ސައުތު ހޭމްޓަންއިން ނަތީޖާ ހަމަހަމަ ކުރުމުން މެޗު އިތުރަށް ފޯރި ގަދަ ވެގެން ދިޔައެވެ.
ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެސް ގޮސްފައިވާ އިރު، އާސެނަލުން ލީޑު ނެގީ މެޗުގެ 81 ވަނަ މިނެޓުގައެވެ. އެ ގޯލްވެސް އާސެނަލަށް ކާމިޔާބުކޮށްދިނީ ވެލްބެކެވެ.

އާސެނަލްއާއި ސައުތުހެމްޓަން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ދެ ރަތް ކާޑު ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ރަތް ކާޑަކީ އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއާގެ މޫނުގައި ސައުތުހެމްޓަންގެ ސްޓެފަންސް ޖެހުމުން އޭނައަށް ދެއްކި ރަތް ކާޑެކެވެ. އާސެނަލްގެ އެލް ނެނީއަށް ދެއްކި ރަތް ކާޑަކީ އާސެނަލްގެ ހިލޭ ޖެހުމަށް ސައުތުހެމްޓަންގެ ވޯލް އަޅަން ދިޔަ ކުޅުންތެރިއަކަށް ބޯޅަ ނެތި ހަމަލާ ދިނުމުން ދެއްކި ރަތް ކާޑެކެވެ.
މެޗުން މޮޅުވެ، ލީގުގައި ކުޅުނު 32 މެޗުން ލިބުނު 54 ޕޮއިންޓާއެކު އާސެނަލް އޮތީ ހަ ވަނައިގައެވެ. މެޗުން ބަލިވި ސައުތުހެމްޓަންސްވެސް 32 މެޗު ކުޅެފައިވާ އިރު، އެޓީމު އޮތީ 28 ޕޮއިންޓާއެކު ރެލިގޭޝަން ޒޯން ގައެވެ.