"ރެޑްބުލް ކޭން ޔޫ މޭކް އިޓް"އަކީ ރޭހެއް ނޫނެވެ. އެއީ އެޑްވެންޗާއެކެވެ. ޔޫރަޕްގެ ޓުއާއެއް ގޮތަށް ކުރިއަށްދާ ނިމޭނީ ނެދަލެންޑްސްގެ އެމްސްޓެޑަމްއަށެވެ. މެޑްރިޑް، ބުޑަޕެސްޓް، މެންޗެސްޓާގެ އިތުރުން ސްޓޮކްހޯމް އަދި ރޯމްގައިވެސް ޗެކް ޕޮއިންޓްތައް ހިމެނޭ ޗެލެންޖު ނިންމުމަށް އެމްސްޓެޑަމްއަށް ދިއުމަށް ކުރަން ޖެހޭ ދަތުރަށް ފައިސާގެ ގޮތުގައި ބޭނުން ކުރަން ޖެހޭނީ ރެޑްބުލް ދަޅެވެ. ކޭޝްކާޑާއި، ފައިސާ އަދި ފޯނުވެސް ބޭނުން ނުކުރެވޭ އިރު، ރެޑްބުލްގެ ފަރާތުން އަންލިމިޓެޑް ޑާޓާއާއެކު ދެވޭ ހާއްސަ ފޯނެއް ކޮންމެ ޓީމަކަށްވެސް ދެވޭނެއެވެ.

"ރެޑްބުލް ކޭން ޔޫ މޭކް އިޓް" ޗެލެންޖު ފެށުމަށް ކޮންމެ ޓީމަކަށްވެސް 24 ރެޑްބުލް ދަޅު ލިބޭނެއެވެ. ކާ އެއްޗެހި ހޯދުމާ، ނިދުމުގެ ކަންކަން ހަމަޖެއްސުމުގެ އިތުރުން ދަތުރު ފަތުރަށްވެސް ބޭނުން ކުރަން ޖެހޭނީ ރެޑްބުލް ދަޅެވެ.

ހަ ޗެކްޕޮއިންޓަކުން ޗެލެންޖުތައް ފުރިހަމަ ކުރުމުން ލިބޭނީވެސް ރެޑްބުލް ދަޅެވެ. ޔޫރަޕްގެ އެތައް ތަނަކަށް ދިއުމަށްފަހު އެމްސްޓެޑަމްއަށް ދިއުމަށް ހަތް ދުވަސް ހުރިހާ ބައިވެރިންނަށްވެސް ލިބޭނެއެވެ. ޗެލެންޖުތައް ފުރިހަމަ ނުވެއްޖެ ނަމަ، އެމްސްޓެޑަމްއަށް ދިއުމަށް އަމިއްލަ ފައިސާ ބޭނުން ކުރުމަށް، ކޮންމެ ޓީމެއްގެ އަތުގައި އޮންނަ ހާއްސަ ސިޓީ އުރައެއް ބޭނުން ކުރެވިދާނެއެވެ. ނޫނީ އެ ޓީމެއް ތިބި ހިސާބަކުން ވަގުތުން އަނބުރާ ގައުމަށް ގެނެސްދިނުމަށް ރެޑްބުލްއިން އެހީވެދޭނެއެވެ. އެކަމަކު އަމިއްލަ ފައިސާ ބޭނުން ކުރާ ހިސާބުން "ރެޑްބުލް ކޭން ޔޫ މޭކް އިޓް" އިން ޑިސްކޮލިފައި ވާނެއެވެ.

"ރެޑްބުލް ކޭން ޔޫ މޭކް އިޓް" ޗެލެންޖުގައި ރާއްޖެއިން ވާދަކުރާ "ދިވެހިން" ޓީމު ----

މިދިޔަ އަހަރުވެސް ރެޑްބުލްއިން "ރެޑްބުލް ކޭން ޔޫ މޭކް އިޓް" ޗެލެންޖު ކުރިއަށް ގެންގޮސްފައިވާ އިރު، މިއަހަރަކީ ރާއްޖޭގެ ޓީމެއް އެ ޗެލެންޖުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ރާއްޖެއިން ޓީމު ހޮވުމަށް ހުޅުވާލައިފައިވަނީ ތިން މީހުން ހިމެނޭ ޓީމެއްގެ ވީޑިއޯއެއް އަޕްލޯޑު ކޮށްގެންނެވެ. ވީޑިއޯތަކުގެ ތެރެއިން އެންމެ ތަފާތު ދެއްކި ވީޑިއޯއަކަށް ހޮވިފައިވަނީ"ދިވެހިން"ޓީމެވެ.

ރާއްޖެ ތަމްސީލުކުރާ "ދިވެހިން" ޓީމުގައި ހިމެނެނީ އަހުމަދު ޝަމާންގެ އިތުރުން ހަސަން ޝާހިދު އަދި ޝަރަފުލް އާމިރް (ޝަރަފް) އެވެ.

ރާއްޖޭގެ ޓީމުގެ ފަރާތުން ބުނެފައިވަނީ "ދިވެހިން" ޓީމުގައި އެންމެ ބޮޑަށް ބަލައިފައިވާނީ ތަފާތު ތިން "ކެރެކްޓާ" އެއް ގެނެސްދިނުމަށް ކަމަށާއި، މިހާރު ޓީމުގައި ތިބި ތިން މީހުންގެވެސް އެންމެ ބޮޑު ތަފާތަކީ ކޮންމެ މީހެއްގެވެސް ތަފާތު ސްޓައިލް ކަމަށެވެ.

ޝަމާންގެ ހާއްސަ ކަމަކީ ޖާދޫ ހެދުމެވެ. އުމުރުން ނުވަ އަހަރުން ފެށިގެންވެސް ޖާދޫ ހެދުމުގައި އުޅެމުންދާ ޝަމާންވަނީ އެކިއެކި ރެސޯޓްތަކާއި ކައިވެނި ހަފްލާތަކުގެ އިތުރުން ބޮޑެތި ޝޯ ތަކުގައިވެސް އޭނާގެ ހުނަރު ދައްކައިލައިފައެވެ.

"ދިވެހިން" ޓީމުގައި ހިމެނޭ ޝާހިދަކީ ފިޓްނެސްއަށް ހާއްސަ މީހެކެވެ. ފިޓްނަސް އެކިއެކި އިވެންޓްތަކުގައި ޝާހިދު ފާހަގަކޮށްލެވޭ އިރު، އޭނާއަކީ ފެތުމާއި ކުރެހުމުގެ އިތުރުން ލަވަކިޔުމުގައިވެސް ފާހަގަ ކޮށްލެވޭ މީހެކެވެ.

ޓީމުގެ ތިންވަނަ މީހަކީ ޝަރަފެވެ. ޝަރަފަކީ ކޮރިއޮގްރަފީއާއި ނެށުމަށް ހާއްސަ މީހެކެވެ. މީގެ އިތުރުންވެސް މޮޓޯ ރޭސިންއާއި ފޮޓޯގްރަފީ އަދި މޫދު ކުޅިވަރަށްވެސް ހާއްސަ، ޝަރަފަކީ އިވެންޓް އޯގަނައިޒް ކުރުމުގައި ނަމޫނާއެކެވެ. ހާއްސަކޮށް އޭނާއަކީ އަބަދުވެސް ޗެލެންޖަކަށް ބަލަބަލާ ހުންނަ މީހެއްކަން ފާހަގަ ކޮށްލެވެއެވެ.

"ރެޑްބުލް ކޭން ޔޫ މޭކް އިޓް" ޗެލެންޖުގައި ރާއްޖެއިން ވާދަކުރާ "ދިވެހިން" ޓީމު ----

ރާއްޖޭ ތަމްސީލުކުރާ ޓީމުގައި ހިމެނޭ ތިން މީހުންވެސް ބުނީ ޗެލެންޖަށް ފުރިހަމައަށް ތައްޔާރު ކަމަށާއި، "ރެޑްބުލް ކޭން ޔޫ މޭކް އިޓް"އިން ރާއްޖެއަށް ރީތި ނަމެސް ހޯދައިދޭން ތައްޔާރު ކަމަށެވެ.

"ރެޑްބުލް ކޭން ޔޫ މޭކް އިޓް" ޗެލެންޖު ކާމިޔާބުކޮށް، އެންމެ އަވަހަށް އެމްސްޓެޑަމްއަށް ދާ ޓީމަކަށް"ޑެސްޓިނޭޝަން ރެޑްބުލް"ގެ ހާއްސަ އިނާމެއް ހަމަޖެހިފައިވެއެވެ. މިއަހަރުގެ ޗެލެންޖުގައި 60 ގައުމެއްގެ 200 ޓީމު ވާދަކުރާނެއެވެ.

ރާއްޖެއިން ދާ ޓީމު މިއަދު އިޓަލީގެ ރޯމަށް ފުރާފައިވާ އިރު، އެމްސްޓަޑެމްއަށް ދަތުރު ފަށާނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.