ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އިންވިޓޭޝަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ފައިނަލްގައި އެސްޓީއޯއާ ބައްދަލުކޮށް މާލޭ ސްޕޮޓްސް ކްލަބް ޗެމްޕިއަންކަން ހޯދީ އެއް ލަނޑުން މެޗް ކާމިޔާބު ކޮށްގެން ނެވެ.

މިއަދު ހަވީރު ކުޅުނު މިމެޗްގައި ޓޮސް ދިމާވުމުން ފުރަތަމަ އެސްޓީއޯ ގަސްތުކުރީ ހޮވުމަށެވެ. އެގޮތުން މާލޭ ސްޕޯޓްސް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 113 ލަނޑު ހެދި އެވެ. މެޗްގައި މާލޭ ސްޕޯޓްސް ކުލަބުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑުހެދި ދަނުސްކާ އެވެ. ޖަވާބުގައި އެސްޓީއޯ ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުން ތެރިން ނުބައިވެގެން 112 ލަނޑުހެދި އެވެ. އެސްޓީއޯގެ ޓީމުން މެޗްގައި އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި ޗާލުކައެވެ.

މެޗަށްފަހު މުބާރާތުގެ ވަނަވަނައަށްއާ ފަރާތްތަކަށް ވަނީ ތައްޓާއި ހަދާނީ ލިޔުން ހަވާލުކޮށްފަ އެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް މާލޭ ސްޕޯޓްސް ކުލަބްގެ ދަނުސްކާ ހޮވުނު އިރު، އޭނާ ވަނީ ޓީމަށް 102 ލަނޑު ހަދާފައެވެ. އަދި އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ ހަމަ އެޓީމްގެ ސަމީރާއެވެ.