ޕީއެސްޖީން ޕައުލް ޕޮގްބާއާއި އެންތޯނިއޯ މާޝިއަލް ގެންދަން ބޭނުންވާނަމަ، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު، ހޯޒޭ މޮރީނިއޯ ބޭނުންވަނީ ނޭމާ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ ސްޓާއިން ބުނެފިއެވެ.

ޑެއިލީ ސްޓާއިން ބުނެފައިވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕީއެސްޖީން ފްރާންސްގެ މާޝިއަލްއާއި ޕޮގްބާ ބޭނުންވާ ކަމަށެވެ. އަދި އޭގެ ބަދަލެއްގެ ގޮތުން މޮރީނިއޯ ބޭނުންވަނީ ނޭމާ ކަމަށާއި، ޑީލްގައި ނޭމާ ހިމެނޭ ނަމަ އެ ޓްރާންސްފާއަށް އާބަސް ބުނަން މޮރީނިއޯ ތައްޔާރު ކަމަށްވެސް ޑެއިލީ ސްޓާއިން ބުނެއެވެ.

ޑެއިލީ ސްޓާގައި ބުނެފައިވަނީ މާޝިއަލްގެ އިތުރުން ޕޮގްބާއާއެކު އިތުރު 50 މިލިއަން ޕައުންޑާއެކު ނޭމާ ގެންނަން ޔުނައިޓެޑުން ތައްޔާރު ކަމަށެވެ.

މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައިވެސް ބޮޑު ޓްރާންސްފާއެއް ކުރި މެންޗެސްޓާ ޔުނައިޓެޑުން ހޫނު މޫސުމަށް ތައްޔާރުވަމުންދާ އިރު، ޓީިމުގެ ޑިފެންސް ލައިން ރަނގަޅު ކުރުމަށްވެސް މަސައްކަތްތަކެއް ކުރާ ކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން ރެއާލް މެޑްރިޑަށް ކުޅޭ ރަފޭލް ވަރާންއާއި ބާސާގެ ސަމިއުލް އުމިޓީޓީއަށްވެސް ޔުނައިޓެޑުން ލޯ އަޅަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

ބްރެޒިލްގެ ފޯވަޑް ނޭމާ ޕީއެސްޖީއާ ގުޅިފައިވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ދުނިޔޭގެ ރެކޯޑު އަގަކަށެވެ. ސީޒަންގައި ނޭމާ މޮޅު ކުޅުމެއް ދައްކައިފައިވާ އިރު، މިވަގުތު އޭނާ ހުރީ އަނިޔާގައެވެ.

ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ސާޖަރީ ހެދުމަށްފަހު ރިކަވަރީގެ މަސައްކަތްތައް ކުރަމުންދާ ނޭމާ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް އޭނާގެ ސާޖަރީ ހެދި ބްރެޒިލްގެ ޑޮކްޓަރުވަނީ ބުނެފައެވެ.