09 Apr 2018, 09:07
ޔޫއޭއީގެ އަލްޝާލީ މެރިންއާއި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރު ބަނުމުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންއަންނަ އެއް ކުންފުންޏެވެ.
އަލްޝާލީ މެރިން މޯލްޑިވްސްއިން އަންނަނީ ތަފާތު ރޭންޖުރަކުގެ ކުދި އަދި ބޮޑެތި ލޯންޗުފަހަރު ބަނުމާއި، ޑައިވިން އެންޑް އެކްސްކާޝަން ދޯނިތައް ބަނުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އަލްޝާލީ އިން ދޭ ހިދުމަތްތައް ކަސްޓަމަރުން އެންމެ ބޭނުންވާގޮތަށް ފޯރުކޮށްދެވޭތޯ އެކުންފުނިން އަބަދުވެސް މަސައްކަތްކުރެއެވެ. ލޯންޗުފަހަރު އަދި ދޯނިތަކުގެ އިންޓީރިއާ އަބަދުވެސް ކަސްޓަމަރު ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވޭނެއެވެ.

އަލްޝާލީއިން ބަނދެފައިވާ އުޅަނދެއް -- ފޮޓޯ/ އަލްޝާލީ
"ސާވިސްއަށް ބަލާއިރު އެހެލުމާ ބޭލުމުގެ މަސައްކަތް ކުރަނީ ކެރޭނަކުން (ހޮއިސްޓަކުން). އަޅުގަނޑުމެންގެ އުފެއްދުންތަކުގައި މި ބޭނުންކުރަނީ މިހާރު މާކެޓުން ލިބެން ހުންނަ އެންމެ ކޮލެޓީ، ރަނގަޅު ޕްރޮޑަކްޓުތައް. އަޅުގަނޑުމެން ކައިރިއަށް އެންމެ ގިނައިން މީހުން އަންނަ އެއް ސަބަބަކީ އަޅުގަނޑުމެންގެ ސާވިސްގެ ކޮލިޓީ. ކޮލިޓީ މެއިންޓެއިންކުރުމަކީ އަޅުގަނޑުމެން އަބަދުވެސް ސަމާލުކަންދޭކަމެއް. ކަސްޓަމަރު ބަލައިގަންނަ ކަހަލަ ޚިދުމަތެއް ދެވޭތޯ އަބަދުވެސް މި ބަލަނީ،" އަލްޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަލްޝާލީގެ އުފެއްދުންތަކުގައި ބޭނުންކުރަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އުޅަނދުފަހަރު ބަނުމަށް ބޭނުންކުރާ ފެންވަރުގެ މެޓީރިއަލްސް ކަމަށެވެ. އަލްޝާލީގެ ބޯޓްޔާޑު ނުވަތަ ފެކްޓްރީ ކ. ތިލަފުށީގައި ގާއިމްކޮށްފައި ވާއިރު، ކަސްޓަމަރުންނާ ވީހާވެސް ގާތުން ހިދުމަތް ފޯރުކޮށްދެވޭތޯ އަލްޝާލީ މެރިން މޯލްޑިވްސްއިން މަސައްކަތްކުރެއެވެ.
އަލްޝާލީގެ ޑައިވިން އެންޑް އެކްސްކާޝަން ދޯންޏަކީ ރިސޯޓުތަކުގެ މެދުގައި މަގުބޫލު ޕްރޮޑަކްޓެކެވެ. މިދިޔަ ދެ އަހަރުގެ ބޯޓިން އެވޯޑުގައި އެ ޕްރޮޑަކްޓަށް ވަނީ ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލްގެ އެވޯޑު ލިބިފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެެ ބޯޓިން އެވޯޑުގައި އަލްޝާލީ އަށް ވަނީ ބެސްޓް ޔާޑުގެ އެވޯޑު އަދި އެކުންފުނިން ބަންނަ ސްޕީޑު ލޯންޗަށްވަނީ ބެސްޓު ޕްރޮޑަކްޝަން ވެސެލް ކެޓެގަރީ އިން ބެސްޓް ޕްރޮޑަކްޓުގެ އެވޯޑު ލިބިފައެވެ. އަދި ބެސްޓު ޑިޒައިންގެ އެވޯޑުވެސް އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ލިބިފައެވެ.

އަލްޝާލީއިން ބަނދެފައިވާ ލޯންޗެއްގެ އިންޓީރިއާ -- ފޮޓޯ/ އަލްޝާލީ
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުގެ އިތުރުން ޑައިވް ސްކޫލުތަކަށާއި، ގެސްޓުހައުސްތަކަށް އަދި އާންމު ފަރުދުންނަށް ބޭނުންވާ ކަނޑު އުޅަނދުފަހަރުވެސް އަލްޝާލީ މެރިން މޯލްޑިވްސްއިން ބަނދެދެއެވެ.
"ސްޕީޑް ލޯންޗުގަ އަޅުގަނޑުމެން އެބަ ގެންގުޅެން ޓްރާންސްފާ ނޫނީ ޕެސެންޖަރުން އުފުލަން މިގެންގުޅޭ އުޅަނދު. އޭގެ 27މީހުގެ ޖާގައިގެ ލޯންޗު، 12 މީހުންގެ ޖާގައިގެ ލޯންޗު. އެ އެއްޗެއްސަކީ މީހުން އުފުލަން ނޫނީ ޕަަބްލިކް ޓްރާންސްޕޮޓޭޝަންގެ ބޭނުން ކުރެވޭނެ އުޅަނދު. އޭގެ އިތުރުން މި ގެންގުޅެނީ ވޯޓާ ސްޕޯޓްސްއަށް ނޫނީ ރެކްރިއޭޝަންއަށް ބޭނުންކުރާ ލޯންޗުތައް،"
މި އުޅަނދުފަހަރުގެ އިތުރުން މަސްދަތުރުފަހަރުގައި ބޭނުންކުރެވޭނެ އުޅަނދުތައްވެސް އަލްޝާލީއިން ބަންނަ ކަމަށް އޮޕަރޭޝަންސް މެނޭޖަރު ޝަރީފް ވިދާޅުވިއެވެ.
އަލްޝާލީއިން ދާދިފަހުން ވަނީ ކޯސްޓްލައިންއިން ހިންގާ ރިސޯޓަކަށް ހާއްސަ ކަސްޓަމައިޒްޑް ލޯންޗެއްވެސް ބަނދެފައެވެ. 45 ފޫޓުގެ މި ލަގްޒަރީ ލޯންޗަކީ ބާރަ މީހުންގެ ޖާގައިގެ، ފުލީ ކަސްޓަމައިޒްޑް އުޅަނދެކެވެ.
"ކަސްޓަމަރު ބޭނުންވިގޮތަށް ބަނދެފައި އެހުރީ. އޭގައި ހުންނާނީ ވަރަށް ކޮމްފޮޓަބަލް ސީޓުތަކެއް، އެތެރޭގެ ސީލިންގްގައި ލެޑް ލައިޓުތަކެއް ދިއްލައި، ވަރަށް ޔުނީކް ގޮތަކަށް އެއީ. ލޯންޗެއްގެ ތެރޭ އިށީނދެ ތިބުމުގެ އިހުސާސަށްވުރެބޮޑަށް އަމިއްލަ ގޭތެރޭގައި ނޫނީ ލޮބީއެއްގައި އިނުމުގެ އިހުސާސެއް ކުރާނީ،" ޝަރީފް ވިދާޅުވިއެވެ.

އަލްޝާލީއިން ބަނދެފައިވާ އުޅަނދެއް -- ފޮޓޯ/ އަލްޝާލީ
އަލްޝާލީއިން މިހާރު އަންނަނީ އިތުރު ކަސްޓަމައިޒްޑް ލޯންޗެއް ބަނުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި މިފަދަ ލޯންޗުތައް ބަނދެ، އިތުރު މޮޑެލްތައް ތައާރަފްކުރާނެ ކަމަށް އަލްޝާލީއިން ބުނެއެވެ.
"އަޅުގަނޑުމެން މިއަންނަނީ އިންޑަސްޓްރީއަށް އިނޮވޭޝަންތައް ގެނައުމަށް މަސައްކަތް ކުރަމުން. ކުރިއަށް އޮތްތަނުގައި ތަފާތު ޕްރޮޑަކްޓްތައް ފެނިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
މާކެޓަށް ޕްރޮޑަކްޓެއް ނެރޭއިރު އެންމެ ބޮޑަށް މަސައްކަތްކުރަނީ ކަސްޓަމާ ފްރެންޑްލީ އެއްޗަކަށް ހެދުމަށް ކަމަށާއި، ޑިޒައިންކުރާ އިރު ވެސް އެންމެ އިސްކަން ދެނީ އެކަމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަލްޝާލީއިން ބަނދެފައިވާ ލޯންޗުތަކެއް -- ފޮޓޯ/ އަލްޝާލީ
އަލްޝާލީގެ އުފެއްދުންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ބޭންކް ނޫނީ އެމްއެފްއެލްސީ މެދުވެރިކޮށް ލޯންޗު ގަނެވޭނެ ކަމަށާއި މިހާރުވެސް ބޭންކު ނޫނީ އެމްއެފްއެލްސީ މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުން އަންނަ ކަމަށް އަލްޝާލީއިން ބުނެއެވެ.
އަލްޝަލީއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނާ ވީހާވެސް ގާތުން އެކުވެރި މާހައުލެއްގައި ހިދުމަތް ދިނުމަށް ކަމަށެވެ. ބޯޓިން ދާއިރާގައި ރާއްޖޭގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކާއެކު އަލްޝާލީ މެރިންއިން ބޯޓު ބިލްޑިންގެ ދާއިރަގައި ކުރާ މަސައްކަތް ކަސްޓަމަރުން ބަލައިގަނެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
"މިހާރު ރާއްޖޭގަ އޮތް ބެސްޓް ލީޑިން ބޯޓް ބިލްޑާއަކީ އަލްޝާލީ މެރިންއަށޭ ބުނުމުގެ ފުރުސަތު އެބައޮތްކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ޝަރީފް ވިދާޅުވިއެވެ.