ލ. ކައްދޫގައި ބޮޑީގާޑް ޓްރޭނިންގ މިއަދު ހަދަމުން ގެންދަނިކޮށް ބޮލަށް ވަޒަނެއް އަރައިގެން މަރުވި އެމްއެންޑީއެފްގެ ކޯޕްރަލް ރ. އަލިފުށީ ސަބާނާ، އިބްރާހީމް ޝައުކަތުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ޝައުކަތު އިބްރާހީމްގެ ބައްޕަ މުހަންމަދު ވަހީދާ ރައީސް މިއަދު ހަވީރު ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައިވާ ކަމަށެވެ.

އެގޮތުން އެ ހަބަރު އެއްސެވީ ވަރަށް ކުއްލި ހައިރާންކަމަކާއި ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، އާއިލާގެ މެންބަރުންނަށް އެމަނިކުފާނުގެ އިހުލާސްތެރި ތައުޒިޔާ ރައްދުކުރެއްވި ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި މަރްޙޫމް ޝައުކަތުގެ ފުރާނައަށް މާތް ރަސްކަލާނގެ ހެޔޮ ރަޙްމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންނެވި އެވެ.

އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބައްލަވައި ފުރިހަމަ ތަހުގީގެއް ހިންގަމުން ގެންދާ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ޝައުކަތުގެ ހަށިގަނޑު އޭނާ ނިސްބަތްވާ ރަށް، އަލިފުށީގައި ރަސްމީ އިއްޒަތުގައި ވަޅުލުމަށް ވަނީ ނިންމައިފަ އެވެ. ކައްދޫން އޭނާގެ ހަށިގަނޑު އެރަށަށް ގެންގޮސްފައިވަނީ ސިފައިންގެ ހެލިކޮޕްޓަރު "ރެހެންދީ"ގަ އެވެ.

ޝައުކަތުގެ މަރު ސާބިތު ކުރި ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ ޝައުކަތު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ 11:15 އެހާކަންހާ އިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށެވެ. ޑޮކްޓަރު ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ވިދާޅުވީ 11:25 ގައި ކަމަށެވެ.

"ބޮލުގެ ނިތް ކުރިއަށް[ވަޒަން] އަރާފައި ފަހަތުން ވަޒަން ނުކުމެފައި ހުރީ. ގެނައި އިރުވެސް މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ޝައުކަތުގެ ބޮލަށް ވަޒަން އަރަން މެދުވެރިވީ ކީއްވެގެން ކަމެއް އަދި މިހާތަނަށް އެނގިފަ އެއް ނުވެ އެވެ.
މިކަން އެމްއެންޑީއެފުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.